ރާއްޖެއިން އީރާނާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފިއެވެ.
ހަތް އަހަރަށްފަހު ރާއްޖޭން އީރާނާއެކު ގުޅުން ގާއިމުކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިތު އަބްދުﷲ ހިޔަން އާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.
މި ގުޅުން ބަދަހިކުރުމަށް ދެ ޤައުމުން ނިންމީ ދެ ޤައުމުގެ ރައްޔިތުންގެ ކުރިއެެރުމައްޓަކައި ކަމަށް ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ ދެ ޤައުމުގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިންވެސްޓުމަންޓާއި ވިޔަފާރި އާއި ދަތުރުފަތުރާއި ސައިންސާއި ޓެކްނޮލޮޖީ އަދި އިނޮވޭޝަން ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖެއިން އީރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގައެވެ.
ގުޅުން ކަނޑާލުމަށްފަހު އޭރު ފޮރިން މިނިސްޓްރީން ބުނީ ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާތީ އިރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!