މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ސަރުކާރުން މިހާރު މާލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

Ad
rt

ރައީސް ފާހަގަ ކުރެއްވި ދެ ސްކީމަކީ "ގެދޮރުވެރިޔާ" ގެ ސްކީމްގެ ދަށުން ކުރިމަތިލާން ހުޅުވާލި 4،000 ފްލެޓާއި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުވާލި ގޯތިތަކެވެ.

މި ދެ ސްކީމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލިއިރު، ގޯއްޗަށް ކުރިމަތިލި އެންމެންނާއި ފްލެޓަށް ކުރިމަތިލި އެންމެންނަށް ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދިނުމަށް ނިންމާފައިވެއެވެ.

"ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވހަިކަން ދިނުމަށްޓަކައި ބިން މިލްކު ކުރުމަށް ހުޅުވާލެވޭ ސްކީމް. އިރާދަ ކުރެއްވިއްޔާ މިރޭ، ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމު ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސްކީމުގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ރެޖިސްޓްރީވެ، 20 އަހަރުވެފައިވާ މީހުންނަށް ތަފާތު ކުރުމެއް ނެތި ބައިވެރިވެ ބިން މިލްކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިއަދު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި4،000 އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.