ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައި ވަނީ އަންނަ މަހުގެ 29 ގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާން ކުރާ އިރު، އީސީގެ މެމްބަރުންގެ ވިސްނުމުގައި ހުރީ އޮކްޓޯބަރު 29 ގައި ވޯޓު ނަގަން ކަމަށެވެ. ނަމަވެސް އެކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަޖެޓުކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ގާނޫނެއް ނެތީމަ، އެއާ ގުޅޭ ގަވައިދު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކު ރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޢާންމުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފުއާދު ފާހަގަކުރެއްވިއެވެ.
"އިއްޔެ ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވާ ނަމަ، އެ ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވައިދެއް ހަދައި އެއާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގައި. ހުރިހާ މެމްބަރުންނާއި ކޮމިޝަންގެ އިސް މުވައްޒަފުން ތިބެގެން އަދި ލީގަލް ބޭފުޅުންނާ އެކީގައި މި މަސައްކަތް އިރުއޮއްސެންދެން ކުރިއަށް ގެންދެވިފައި ވަނީ،" ފުއާދު ވިދާޅުވިއެވެ.
އެގޮތުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން ވަނީ އަންގާފައެވެ. އީސީން ބުނީ ނިޒާމީ ވޯޓެއް ނެގެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހުކަމަށެވެ. އަދި އެކަމަށް 30 އާއި 45 ދުވަސް މަދުވެގެން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އަދި 40 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށްވެސް އީސީން ބުނެފައިވެއެވެ.
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މައުލޫއަކަށްކަން އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ދަންނަވާފައިވާނެ މަޖިލީހުގައި ރައްޔިތުންގެ ގާތު އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟، އެ ސުވާލު ކޮބައިތޯ؟، އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ވޯޓެއް ނަގާ ކަމަށްވާނަމަ، ވޯޓާސް ރަޖިސްޓްރީއެއް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކާއި ތައްޔާރުވާން ގިނަ ކަންކަން ހުންނާނެ ކަމަށެވެ. ނަމަވެސް ބަޖެޓް ނުލިބިއްޖެ ނަމަ، ނިޒާމީ ވޯޓަކީ ނެގޭނެ ވޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެތީ 2007 ވަނަ އަހަރު އެވެ. އެފަހަރު ރައްޔިތުންގެ އަގުލަބިއްޔަތު ލިބުނީ ރިޔާސީ ނިޒާމީ ވެރިކަމެއް ރާއްޖޭގައި ހިންގުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!