މި ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ނުހިންގިގެން އުޅެނީ ހިންގުން ދޯހަޅިކަމުން ނުވަތަ ފީކަޅާވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ފަރުވާތެރިކަމާ އެކީގައި ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަކަށް ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. އެކަން ކަން ކުރައްވާނީ ދައުލަތުގެ ބަޖެޓަށް ކަންކަން އިތުރުކޮށް ހަރަދުތައް ހަމަޖައްސައި އިގްތިސާދު ވަރުގަދަ ކުރަމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ad
rt

"އަޅުގަނޑުމެން ރަށްރަށުގައި ކުރަން ހުރި ކަންކަމަކީ ހަމަ ހަގީގަތުގައި ވެސް މާ އުނދަގޫ ކަންކަމެއް ނޫން. ތަރުތީބު ކުރެވިގެން އެ ރަށެއްގެ އާބާދީ އާއި އެ ރަށެއްގެ ސައިޒާއި އެ ރަށެއްގެ ކުރިއެރުމަށް ބަލާއިރު، ނިސްބަތުން މިކަހަލަަ ކަންކަން ކުރުމަކީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އިސްކަން ދޭން ޖެހޭ ތަރުތީބަކުން ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރާ ކަންކަމާ ހުރެ ވަރަށް ގިނަ މަޝްރޫއުތައް ހުރީ ލަސްވެފައެވެ. އަދި މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން ފަރުވާ ކުޑަކޮށް ބައެއް ފަހަރު އެޑްވާންސް ފައިސާ ނަގާ ކޮންޓްރެކްޓަރު ދާ ހިސާބަށް ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އޭގެ ފަހުން، އަނެއްކާ ވެސް އިތުރު ކޮންޓްރެކްޓަރަކާ ހަވާލު ކުރުމުން އެ ކޮންޓްރެކްޓަރު ގެއްލުން ކަހަލަ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ.

"އެއީ ދައުލަތަށް ފައިސާ ނުލިބިގެން ކަންކަން ނުވެފައެއް ނޫން. ހިންގުމުގެ ފީކަޅާކަމުން، ދޯހަޅާކަމުން ނުކުމެފައި ހުންނަ ކަންކަން އެއީ." މުއިއްޒު ވިދާޅުވިއެވެ.

ފޮއްދު އަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

1- ރަނގަޅު ފެންވަރުގެ ބަނދަރެއް ހެދުން
2- ޖެޓީ ރަނގަޅުކޮށްދިނުން
3- ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުން
4- ޕާކް ހެދުން
5- އައުޓް ޑޯ ޖިމް

މީގެއިތުރުން މުއިއްޒު ވަނީ ފޮއްދިއްޕަރު ފަޅަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ނަފާ ލިބޭނެ ފަޅަކަށް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުއްޓިފައި އޮތް މަޝްރޫއެއް ވެއްޖެ ނަމަ، އެ މަޝްރޫއުތައް އަލުން ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.