މި ސަރުކާރުން އިންސާފު ގާއިމު ކުރުމުގައި ފެއިލް ވެފައިވާ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާގެ އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފު ހޯދައިދީފައި ނުވާ ކަމަށާއި އެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ވެސް ދީފައި ނުވާކަމަށެވެ. އަދި ނަޝީދުއަށް އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިންސާފުވެރި ސަރުކާރެއް ގާއިމުކުރަން އަޅުގަނޑު މިއަންނަނީ، އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގައިމުކުރާ ސަރުކާރެއްގައި" ނަޝީދަށް ދިން ހަމަލާއަށް އިޝާރާތް ކުރަމުން މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނާނީ އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްވެގެން ކަމަށާއި ޝަރުއީ ދާއިރާ ފުރިހަމަ ގޮތެއްގައި މިނިވަންކޮށްގެންވެސް އެކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. ޕީޕީއެންމެ/ޕީއެންސީ އިން ގާއިމު ކުރަނީ އިންސާފަށް ޗެމްޕިއަން ކަން ނަގާ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

“އިންސާފުވެރި ވެރިކަމެއް އަޅުގަނޑުމެން ކުރާނަން. ޝަރުއީ ދާއިރާ ހަގީގީ މާނައިގައި މިނިވަން ކޮށްދީގެން ކުރާ ހެޔޮވެރިކަމެއް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

6 މެއި 2021 ގައި ނަޝީދަށް ހަމަލާ ދިނީ ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނި ކޮށެވެ. އެ މަސައްލައިގެ ޝަރީއަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.