މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާކޮށްދެއްވައިފިއެވެ.

އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހުއެވެ. އަދި އެ ފުރުސަތު ބަންދުވާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.

Ad
rt

ރީ-ރެޖިސްޓްރީ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ކުރިން ނިންމާފައިވީ ނަމަވެސް ތިން ދުވަހުގެ މުއްދަތެއް ދީފައިވަނީ ވޯޓުލުމުގެ ހައްގު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުންނެވެ.

އީސީގެ ތަފާސް ހިސާބަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 25،493 އަށްވުރެ ގިނަ ފޯމު ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުރަތަމަ ދުވަހު 9206 ފޯމު އަދި ދެވަނަ ދުވަހު 16287 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 ފޯމު އަދި ދެވަނަ ދުވަހު 11،082 މީހަކު ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ މިހައިތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި އެކި ސަބަބުތަކާހުރެ 1546 ފޯމު ރިޖެކްޓްވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވަނީ ރީ-ރަޖިސްޓްރީ ކުރުމަށް މިއަދު ހަވީރު 4 ޖެހުމުގެ ކުރިން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބުގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވޯޓުލުން މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން ވަނީ އިތުރުވެފައެވެ.

އީސީ އިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ. އެއީ 196 އަންހެންނާއި 212 ފިރިހެން ކަމަށް ވެސް ހަބީބު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282803 އެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމުގައި ވާދަލުރައްވާނީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.