ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ، ޑިމޮކްރެސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވައި ދެއްވި ހިތާބުގައެވެ.
އެ ހިތާބުގައި ރައީސް ވަނީ ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނުގެ ހިތާބުގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި، އެކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައި ވެއެވެ.
އެގޮތުން ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއްކަން ރައީސްގެ ހިތާބުގައި ފާހަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑުކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!