އައިމް ޕޮސިބްލް ޓީޗާސް ޓްރެއިނިން ޕްރޮގްރާމެއް މާލެއަތޮޅު މާފުށީގައި ފަށައިފިއެވެ.
މިއީ ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއިއެކު އެޑިޔުކޭޝަން މިނިސްޓްރީ އާއި ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާ ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމަކީ ސްކޫލް އާބާދީގައި ކިޔަވަމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ކުޅިވަރުތަކުގައި ޝާމިލްކޮށް އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލް ކުޅިވަރު ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކުުރުމަށް ހިންގާ ޕްރޮގްރާމެކެވެ
މިގޮތުން ޕެރަލިމްޕިކް ކުޅިވަރުތައް ތައާރަފް ކުރުމާއި ޕެރަލިމްޕިކްސް ވެލިއުސްތައް ދަސްކޮށްދިނުމާއި ޕެރާ ކުޅިވަރުތައް ބޭނުންކޮށް ހުރިހާ ދަރިވަރުން ޝާމިލް ވާ ކުޅިވަރުތައް ބޭއްވުމަށް މި ޓްރެއިނިންގގައި ދަސްކޮށްދޭނެއެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ވިދާޅުވީ 2022 ވަނަ އަހަރު މާލޭ ސަރަހައްދު ހުރިހާ ސްކޫލްތަކުން ޓީޗަރުން ބައިވެރިކޮށްގެން މާލޭގައި ތިން ދުވަހަށް ޓްރެއިނިންގ ހިންގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މާލެ އަތޮޅުގެ ހުރިހާ ސްކޫތަކުގެ ޓީޗަރުން މިޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ވަކިވަކި ރަށްރަށަށް އަމާޒުކޮށްގެން މި ތަމްރީނުތައް ހިންގުމުގެ މަގުސަދަކީ މެއިންސްޓީމް ޓީޗަރުން ވެސް ޝާމިލުކޮށްގެން އެއްވެސް ޓީޗަރަކު ވެސް ބާކީނުކޮށް އެ ސްކޫލެއްގެ ހުރިހައި ޓީޗަރުން ތަމްރީނުކޮށްދިނުން ކަމަށް ވެސް އެ ކޮމެޓީން ވިދާޅުވެއެވެ.
އެގޮތުން މާފުށީ ސްކޫލް ހިންގުނު ތަމްރީނުގައި 40 އަށްވުރެ ގިނަ ޓީޗަރުން ތަމްރީނު ކުރެވުނުކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.
މިތަމްރީނުތަކުގައި ކިޔަވައިދެއްވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން އިންޓަރނޭޝަލް ޕެރަލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ތަމްރީނުކުރެވިފައިވާ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ އަނޫލާ ސަލީމް އާއި، ޣާޒީ ސްކޫލުގެ އާމިލް ޝަރީފެވެ.
މި ޓްރެއިނިން ޕްރޮގްރާމްގެ ދަށުން ކ. ގުރައިދޫ ސްކޫލުގެ ޓީޗަރު ތަމްރީނު ކުރުމަށް އެ ކޮމެޓީގެ ބޭފުޅުން މިހާރު ވަނީ ގުރައިދޫ އަށް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!