ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، އއ. ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް މާލެއިން ބޭރަށް ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ބޮޑުފޮޅަދޫ ވާއިރު، އެ ރަށުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެރަށުގައި ޕީޕީއެމް ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެރަށުގައި މިހާރުކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫއު ހުއްޓުނަ ނުދީ އެގޮތުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. އަދި އެރަށުގައި ހިނގަމުންދާ މަޝްރޫޢުތައް މިހާރަށްވުރެ ވެސް ބޮޑަށް ރައްޔިތުން އެދޭގޮތަށް ތަރުތީބުކޮށް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއަކީ ޒުވާނުންނާއި، ކަނބަލުންނާއި، ވިޔަފާރިތަކަށް މުހިންމު މަޝްރޫއެއް ކަމަށާއި ޕީއެންސީގެ ސަރުކާރެއްގައި އަލަށް އިތުރުކުރެވޭ ބިމުގައި ކުޅިވަރުގެ ގިނަ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ފުޓުބޯޅަ ދަނޑާއި ވޮލީކޯޓާއި ހޭންޑްބޯލް ކޯޓެއްގެ އިތުރުން ކުޅިވަރު ކުޅުމަށް ބޭނުްނވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވަނީ ކޮންމެ ރަށެއްގައި ވެސް އެންމެ ބޮޑަށް އޮތް ދައްޗަކީ ސްކޫލްގެ ޖާގައިގެ ދަތިކަމާއި ސިއްހީ ވަސީލަތްތައް ނެތުން ކަން ފާހަގަކުރައްވާފައެވެ. އެހެންވެ، ޕިއެންސީގެ ސަރުކާރެއްގައި އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އިތުރު ކްލާސް ރޫމްތައް އަޅުއްވައިދެއްވާނެ ކަމަށާއި ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކޮށްދެއްވާނެކަމަށް ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!