މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުންތަކެއް ވޯޓުތަކެއް ބާތިލް ކުރި ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ނަމާ ދިމާލުގައި ޖަހާފައި ހުރި ރަނގަޅު ފާހަގަތަކެއް ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައި ހުރި މައްސަލަ އެންމެ ފުރަތަމަ މީޑިއާތަކުގެ ސަމާލުކަމަށް ގެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. މަހްލޫފް ވަނީ ބާތިލް ކަމަށް ކަނޑައެޅި ވޯޓު ކަރުދާސްތަކެއްގެ ފޮޓޯތައް ވެސް އާންމު ކުރައްވައިފައެވެ.
އެމްޑީޕީގެ ޖަގަހަ ޖަލްސާގައި މާރިޔާ ވިދާޅުވީ އުމުރުން ދުވަސްވީ މީހެއްގެ ލޮލުގެ ފެނުން ކޮށިކަމުން ޔަގީންކޮށްލަން ދެވަނަ ފަހަރަށް ރަނގަޅު ފާހަގަ ޖެހި ތަނުގައި ފާހަގަ ޖަހާލީމަ ވެސް ގަވައިދު ތަންދެއޭ ކިއާފައި ވޯޓު ބާތިލްކޮށްލާފައިވާ ކަމަށެވެ.
"ބައްލަވާ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިންނަވަންވީ ނޫންތޯ އެ ތަނުގައި ތިޔަ މޮޅު ފާހަގަ ޖައްސަވަން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ދުވަސްވީ މީހުންނަށް ފުރޮޅުލީ ގޮނޑިއެއްހާ ހިސާބު ވެސް ނެތް އިރު، އިށީނދެލާނެ ތަންކޮޅެއް ވެސް ނެތް ކަމަށެވެ. އުމުރުން ދުވަސްވީ މީހުން އެތައް އިރަކު ކިއުތަކުގައި އެތައް އިރަކު ތިބި އިރު، ކިޑްނީ ބައްޔާއި ނޭވާ ހިއްލާ ބަލީގެ މީހުން ވޯޓުލާން އެތައް ގަޑިއިރަކު ކިއުގައި ތިބުމަށް ފަހު، ވޯޓުނުލެވިގެން ގެއަށް ގޮސްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
"އެހެންވިޔަސް، އަޅުގަނޑުމެން ނުދަމޭ، ސުޕްރީމް ކޯޓަކަށް. ސުޕްރީމް ކޯޓަށް ގޮސްގެން ބާތިލް ކުރާ ވަރަށް ބާތިލް ވޯޓު އެބައޮތޭ،" މާރިޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!