މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހެދުނު ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާއިރު، ވޯޓުލާން މީހުން ނުކުމެފައި ވަނީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ މަދުން ކަމަށެވެ. އެގޮތުން، މިފަހަރު ވޯޓުލާން ނުކުތް މީހުންގެ އަދަދު %80 އަށް ވެސް ނާރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި މީގެކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި %88 އަށް ވުރެ މަތިން ވޯޓުލާން މީހުން ނުކުމެއެވެ. އަދި ވޯޓުލާ މީހުންގެ އަދަދު %90 އަށް ވެސް އަރާފައި ހުރި ކަމަށް ވިދާޅުވިއެވެ.
"އެކަމަކު، މިފަހަރު %79 ކޮންމެވެސް ވަރެއް، %80 ވެސް ހަމަނުވޭ. މިއީ ރާއްޖޭގެ އިންތިހާބުތަކުގައި މީގެކުރިން ދިމާވެފައި ހުރި ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަގީން މަސައްކަތް ކުރެވިއްޖެ ނަމަ، މިއަށް ވުރެ ރަނގަޅު ޓާން އައުޓެއް ނެރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން އެމްޑީޕީއަށް މީހުން ނުނެރެވުނު ސަބަބާއި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ވަރަށް ރަނގަޅަށް ރާވައި، އެކަންކަން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިންތިޒާމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޯޓުލާން ނުދިޔަ މީހުންގެ ތެރޭގައި އެމްޑީޕީގެ ވޯޓުތައް ހިމެނޭ އިރު، ކުރިއަށް އޮތް ތަނުގައި އެމީހުން ވޯޓުލާން ނެރެވޭނެ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ.
"ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް. ޓްރާންސްޕޯޓް ނުދެވުނީތޯ؟ ނޫނީ ގަޑިއަށް އައުމަށް ފަރުވާ ކުޑަ ކުރެވުނީތޯ؟ މިގޮތަށް ބަލައިގެން ލިސްޓުތައް އެ ހުރީ ތައްޔާރު ކުރެވިފައި. ތިޔަބޭފުޅުން ކޮންމެ ފޮއްޓެއް ވަކިން މިހާރު ވާނީ ތައްޔާރުކޮށްފައި. އެއާއެކީގައި ކުރިއަށް ވަޑައިގަންނަވަންވީ." ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް މިއޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ،"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!