ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ކަންކަމުގައި ސަރުކާރާއި ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދި ޕާތީތަކަށާއި އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުލީ ގިނަ ރައްޔިތުން ދެވަނަ ބުރުގައި ޕިއެންސީ އަށް ވޯޓުދީފާނެ ކަމަަށް ނުބެލެވޭ ކަމަށެވެ.
މީގެ އިތުރުން ފެކްޓް ޕްރޮޑަކްޓެއް ނުލިބުނީމާ އަބަދު ވެސް އިންސާނާ ހިޔާރުކުރާނީ ލިބެންހުރިތަނުން އެންމެ ރަނގަޅު އެއްޗެއް ކަމަށާއި އެގޮތަށް ބަލާއިރު ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށްވުރެ އެމް.ޑީ.ޕީ ގެ ސަރުކާރެއް ރައްޔިތުން ހިޔާރުކުރާނެ ކަމަށް ބެލެވޭ ސަބަބު އޭނާ ވަޏީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރާއި ކުރީގެ ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަމުން މިސަރުކާރު ކުރި ހޯދާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އާތިފް ވިދާޅުވީ ކުޅުދުއްފުށިން ހަމަ އެންމެ ކަމަކަށް ބަލާލިއަސް އެކަން ވަރަށް ސާފު ކަމަށާއި ޕީ.އެން.ސީގެ ކެނޑިޑޭޓް ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ހަތް އަހަރުގެ ދައުރެއްގައި އެންމެ ހައުސިން ޔުނިޓެއް ވެސް ރަށުގައި ނޭޅޭކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުން ފަށާފައިވާ 165 ޔުނިޓްގެ މަސައްކަތް ވެސް ހުއްޓާލާ އެތަންތަން ވީރާނާވާން ދޫކޮށްލިކަން ވެސް ފާހަގަކުރެއްޗވިއެވެ.
އާތިފް އިތުރަށް ވިދާޅުވީ މި ސަރުކާރުން އެ ހުރިހާ ޔުނިޓެއް ނިންމައިފި ކަމަށެވެ. އަދި އިތުރު 400 ޔުނިޓުގެ މަސައްކަތްވެސް ފަށައިފި ކަމަށެވެ.
ހަމަމިއާއެކު އިތުރު 1000 ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރާއި ވާލުކޮށްފައިވާ ކަމަށާއި މި މަޝްރޫއުތައް ހުއްޓުމުގެ ފުރުސަތު އަނެއްކާ ވެސް މުއިއްޒުއަށް ދޭކަށް ރައްޔިތުން ބޭނުމެއްނުވާނެ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!