ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި އާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކައުންސިލުން ނިންމާ ނިންމުންތަކާއިއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ކޮންމެ ބަޔަކާ ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
ވަކި ބަޔަކާއި ވާހަކަ ދައްކަން ވެސް އދި ނުދައްކަންވެސް ނިންމާފައި ނެތް ކަމަށާއި މަޝްވަރާގެ ދޮރު ބަންދެއް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ 79 އިންސައްތަ މީހުންކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ވޯޓުލީ މީހުންގެ އަދަދު މަދުވުމަކީ ރާއްޖޭގެ ސިޔާސީ ވެރިންނަށާއި ސިޔާސީ ކަންކަމަށް އޮތް އިތުބާރު ކުޑަކަން ފާހަގަވާ ކަމެއް ކަމަށެވެ. އެހެންވެ، މިއީ ހުރިހައި ބޭފުޅުން ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްޔާސަށް ލިބިވަޑައިގެންނެވީ 15839 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %7.18 އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ ކެނޑިނޭޅި ރައީސް ނަޝީދު އެމްޑީޕީގެ ފަހަތަށް އެރުމަށް އާދޭސް ކުރަމުންނެވެ.
އެހެންނަމަވެސް ނަޝީދު ވަނީ ސާލިހަށް ދެވަަނަ ބުރެއްގައި ވެސް ތާއީދު ނުކުރާނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!