ސަރުކާރުގެ މައްޗަށް އިދިކޮޅަށް ކާމިޔާބު ހޯދުނު އެންމެ ބޮޑު ސަބަބަކީ ވޯޓުލާން ބޮޑު ޕަސެންޓެއް ނުނުކުތުން ކަމަށް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޗެޢާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ކާމިޔާބު ހޯދުނީ އެމްޑީޕީ ބައިބައިވެފައި އޮތުމާއި، ސަރުކާރު ބަދަލުކުރަން ޖެހޭ ފަދަ ރޫހެއް ނުވަތަ ސަރުކާރަށް އިންތިހާބު ކާމިޔާބުވެދާނެ ކަމަށް ދެކިގެން ގިނަ ބަޔަކު ވޯޓުލާން ނުނިކުމެ ތިބުމުގެ ސަބަބުންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ވޯޓާސް ނުނުކުތީ ކީއްވެތޯ ބަލަން ޖެހޭނީ، ސަރުކާރާ އިދިކޮޅުވެގެން ނަމަ ސަރުކާރާ ދެކޮޅަށް ވޯޓުލާން ގިނަ ބަޔަކު ނުކުންނާނެ، އެތަނެއް ނޫން މިފެނުނީ. ވޯޓުނުލާތަން މި ފެނުނީ. މިއީ އަޅުގަނޑުމެން ޕާޓީގެ ބައިބައިވުމުގެ އަސަރު ކަމަށް ވެސް ވެދާނެ" ފައްޔާޒް ވިދާޅުވި އެވެ.

Ad
rt

ހަމައެހެންމެ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވިފައި އޮތުމަކީ ވެސް ވޯޓުލުމަށް ތަރުހީބު ކުޑަވާނެ ކަމެއް ކަމަށް ލަފާކުރެވޭ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންތިހާބުތަކުގައި ނުކުންނައިރު، މި އިންތިހާބުގައި ފެނުނީ އެގޮތަށް ބަދަލަކަށް ނުކުންނަން ޖެހޭ ސަބަބެއް ނެތްކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެލިޖިބަލް ވޯޓާސްގެ ތިންބައިކުޅަ އެއްބަޔަށް ވުރެން ވެސް ގިނަކޮށް މިއޮތީ ވޯޓު ނުލައި. އެއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެކްސްޕެކްޓްކުރި ގޮތެއް ނޫން. އެއީ އެ ނަތީޖާ އެހެންވުމުގެ ސަބަބެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ނަތީޖާ ނުކުތީ ސަރުކާރުގެ މައްސަލަތަކަކުންތޯ ނުވަތަ އެމްޑީޕީގެ އިންތިހާބުތަކުގައި މީހުން ނެރޭ ވަރަށް މި އިންތިހާބުތަކުގައި ނުނެރެވުނު ސަބަބު ވެސް ބަލާނެ ކަމަށެވެ. އަދި ކެމްޕޭންގެ މައްސަލައެއްތޯ ބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި އައްޑޫއިން ވެސް އެމްޑީޕީގެ ގިނަ ބަޔަކު ވޯޓުލާން ނުނިކުމެ އެވެ. އިއްޔެ ބޭއްވި އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، ވޯޓުލާން ނުކުތީ 75 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 211،796 މީހުންނެވެ.