ތިމާވެށި ދެމެހެއްޓުމުގެ ޗެމްޕިއަންއަކަށް ރާއްޖެއިންވުމަށްޓަކައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރަންޖެހޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ސިނާޢަތުގެ މަސައްކަތްކުރާ ތަންތަނުން އުކާލާ ކުނި ރަނގަޅުގޮތުގައި މެނޭޖުކުރުމަށް އެހީތެރިވުމަށް އެ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ވަޒީރު ވިދާޅުވީި ކާބޯތަކެއްޗާއި ކުނި މެނޭޖުކުރުމަށް ކުރާ ކަންކަން އިޝްތިހާރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާވާނެ ކަމެއްކަމަށާއި މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސިނާއަތުގައި މަސައްކަތްކުރާ ކޮންމެ ފަރާތެއް ވެސް ހިއްސާ އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުން ކުރެވުނު ދިރާސާގެ ސަބަބުން ކާބޯތަކެތި މަދުވުމާއި ކުނި މެނޭޖުކުރުމުގެ މައްސަލައަށް އިތުރު މަގުދައްކައިދޭނެކަމަށް ޔަގީން ކުރައްވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ހުރިހާ ގޮތަކުން ވެސް، ހާއްސަކޮށް ކާބޯތަކެތި މަދުވުމާއި ކުނީގެ މައްސަލަ ހައްލުކޮށް ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ބްރޭންޑް ކުރެވިގެން ދިއުމަކީ އުންމީދެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިރިހި އައިލެންޑް ރިސޯޓު އަދި ރޯޔަލް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ރިސޯޓުތަކުގެ އުކާލާ ކުނި ނައްތާލުމުގެ އިންތިޒާމު ހުންނަ ގޮތް ބެލުމެވެ. އަދި ދިރާސާ އިން ލިބުނު މައުލޫމާތު ބޭނުންކުރީ މައްސަލައިގެ މިންވަރު ތަހުލީލުކޮށް ދެނެގަތުމަށާއި، އެ އުސޫލުތައް ދެނެގަނެ ތިމާވެއްޓާއި ކާބޯތަކެއްޗަށް ކުރާ އަސަރު ދެނެގަތުމަށެވެ.

މި ދިރާސާގެ މަގުސަދަކީ ހުރިހައި ދާއިރާއަކުން ސަރުކާރުގެ ދެމެހެއްޓެނިވިކަން ހާސިލްކުރުމަށްޓަކައި، ރިސޯޓުތަކުގައި ކާބޯތަކެތީގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމުތައް ގާއިމްކުރުމެވެ.