ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުގެ ގިނަބައެއްގެ ތާއީދު އޮތީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އިލްމުވެރިންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި 105 ދީނީ އިލްމުވެރިން ވަނީ ބައިވެރިވެފައެވެ.
150 އަށް ވުރެ ގިނަ އިލްމުވެރިން ހިމެނޭ މި ހަރަކާތަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިންނާއި ޝައިޚުން ނިސްބަތްވާ ހަރަކާތަށްވާއިރު، މިހައިތަނަށް ވެސް ގައުމީ އަދި ދީނީ ކަންކަމުގައި އިލްމުވެރިންގެ ރައުޔު ހާމަކޮށް އެބޭފުޅުން ދެކޭގޮތް ދިޔައީ ހާމަ ކުރަމުންނެވެ.
މމި ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްދިޔަ މިވޯޓާއިމެދު އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އަދަލާތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ވެސް ބައިވެރިވެފައިވާއިރު، މިވޯޓުގެ 82 އިންސައްތަ މުއިއްޒަށް ލިބުނު އިރު، މުއިއްޒާއި ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 4 އިންސައްތަ ވޯޓެވެ.
ރޭ 12 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ ވޯޓުގައި މުއިއްޒަށް 87 ބޭފުޅަކު ވޯޓް ދެއްވާފައިވެއެވެ. އެއީ ވޯޓްގެ ނިސްބަތުން ނަމަ 82 ޕަސެންޓެވެ. ދެން އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރަށެވެ. އުމަރަށް ނުވަ ވޯޓް ލިބިވަޑައިގެންފައިވެއެވެ. ރައީސް ސާލިހަށް ތާއީދު ކުރައްވާ ވޯޓް ދެއްވީ ފަސް ބޭފުޅެކެވެ.
އިލްމުވެރީންގެ ވޯޓްގެ ނަތީޖާއަށް ބަލާއިރު، ޑރ. މުހައްމަދު މުއިއްޒު އަށް 87 ވޯޓް، އުމަރު ނަސީރަށް 9 ވޯޓު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 5 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ގާސިމް އިބްރާހިމާއި ފާރިސް މައުމޫނާއި އިލްޔާސް ލަބީބް އަދި މުހައްމަދު ނާޒިމުގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވޯޓެއް ލިބލެއްވިއިރު. ހަސަން ޒަމީލަށް އެންމެ ވޯޓެއް ވެސް ނުލިބެއެވެ.
އިލްމުވެރިންގެ ގުޅުމުން ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއިވެސް ބައްދަލުކޮށް އިލްމުވެރިންގެ ބޭނުންވާ މައުލޫމާތުތައް ސާފު ކުރައްވާފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރެއް އޮންނަ ނަމަ ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!