މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެނަމަ، ޕީއެންސީގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް ހަމަޖައްސައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާ މިކަން ކުރައްވާނެ އުސޫލެއް ގާއިމުކުރާނީ ސިނާއަތުގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެކުލަވާލާ ހާއްސަ ގާނޫނެއްގެ ތެރެއިން ކަމަށެވެ. އަދި މިކަމަށް ގާއިމުކުރާ ސްކީމްގެ ސަބަބުން ރިޓަޔަމަންޓް ޕެކޭޖެއް މުވައްޒަފުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

Ad
rt

މީގެ އިތުރުން އިންޑަސްޓްރީ ހިންގާ ފަރާތްތަކަށާއި މުވައްޒަފުންނަށް ވެސް އެކަމުން ފައިދާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް އެންމެ ފައިދާ ހުރި މެނިފެސްޓޯ އެކުލަވާފައި ވަނީ ޕީޕީއެމް-ޕީއެންސީ އިން ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓްތަކެއް އަޅައިދޭނީ ވެސް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކަމަށާއި އޭނާގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ގިނަގިނައިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވިދަލުވިއެވެ.

މި ކެމްޕެއިން ޖަލްސާގައި މުއިއްޒު އިތުރަށް ވަނީ "އޮފް ދުވަސްތައް" އެއްކޮށްލައިގެން ޗުއްޓީ ނަގަން ފުރުސަތު ދެވޭ ގޮތަށް އުސޫލުތައް ހަމަޖައްސައިދޭނެ ކަމަށާއި އޭރުން ތިން މަހުގެ އޮފް ދުވަސްތައް އެއްކޮށްލުމުން އަށް ދުވަހުގެ ޗުއްޓީއެއް ލިބޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަހަރީ ޗުއްޓީ އާއި ސްކޫލް ބަންދުގެ ޗުއްޓީ ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު ރިސޯޓްތަކުގައި މަސައްކަތް ކުރާ ފޮޓޯގްރާފަރުން ފަދަ ހުނަރުވެރި މަސައްކަތްތައް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ އުސޫލުތަކެއް ހަމަޖައްސައި، ރިސޯޓް މުޒައްފުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ތިން ސަރަަހައްދެއްގައި ބަސް ކިޔަވަައިދޭ ސްކޫލުތަކެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ޒަމާނީ ހޮޓެލް ސްކޫލެއް ގާއިމުކޮށްދިނުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.