ތުރުކީގެ ގަލަޓަސަރާއީއަށް ކުޅެމުންއައި ސްޕެއިންގެ މިޑްފީލްޑަރ ހުއާން މަޓާ ޖަޕާންގެ އެއްވަނަ ޑިވިސަންގެ ޓީމެއް ކަމަށްވާ ވިސެލް ކޯބޭއަށް ބަދަލުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ މަޓާ ކޯބޭއަށް ބަދަލުވެފައި މި ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. މެންޗެސްޓާ ޔުނައިޓެޑަށް ހަތް އަހަރު ކުޅުމަށް ފަހު މަޓާ ގަލަޓަސަރާއީއަށް ބަދަލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭނާ ވަނީ މިދިޔަ އަހަރު އެ ޓީމާއިއެކު ތުރުކީ ލީގު ކާމިޔާބު ކޮށްފައެވެ.

Ad
rt

ނަމަވެސް ޓީމްގެ ފުރަތަމަ އެގާރައިން ފުރުޞަތު ހޯދުމުގައި ދިމާވި ދަތިތަކާއިއެކު އޭނާގެ މަގުބޫލުކަން ކުޑަވެ މި އަހަރުގެ ޖުލައި މަހު ގަލަޓަސަރާއީން ވަނީ މަޓާއާއިއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.

މަޓާގެ ކެރިއާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައި ވަނީ ޗެލްސީގައެވެ. ސްޕެއިންގެ ވެލެންސިއާ ދޫކޮށް އޭނާ ޗެލްސީއަށް ސޮއި ކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އޭނާ ޗެލްސީއަށް ކުޅުނުއިރު، އޭނާ ވަނީ އެ ޓީމާއިއެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

2014 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ އެ ޓީމްގައި ހޭދަކުރި ހަތް އަހަރުގެ މުއްދަތުގައި އޭނާ ވަނީ ޔުނައިޓެޑާއިއެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.

2010 ވަނަ އަހަރު ސްޕެއިނުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު އެ ޓީމްގައި ވެސް މަޓާ ހިމެނެއެވެ.