ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއިއެކީ ބޮޑު ކޯލިޝަނަކުން މިދިޔަ ރިޔާސީ އިންތިހާބުގައި ނުކުތީ ދިވެހިރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމުގެ ވަޢުދާއި އެކުގައެވެ. އެހެންނަމަވެސް ވެރިކަމުގެ 5 އަހަރު ފުރިހަމަކުރުމަށްފަހު ގިނަ ކަންތައްތަކެއް ނުވުމުގެ ސަބަބެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ދައްކަވަމުން ގެންދެވީ "ކުރީ ސަރުކާރު"ކަމަށާއި ކަންކަން ހައްލުކުރުމަށް ފުރުސަތު ލިބި އިސްލާހު ކުރަން މަސައްކަތް ނުކޮށް “ކުރީ ސަރުކާރޭ" ކިޔައިގެން ޒިންމާތަކުން ރެކެން އުޅޭކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުޢިއްޒުވެސް ތުހުމަތު ކުރައްވައެވެ.

މިފަހުން އިދިކޮޅުން ބޭއްވި ކެންޕޭން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން "ކުރީ ސަރުކާރޭ" ކިޔައިގެން ޒިންމާތަކުން ރެކެން އުޅޭ ކަމަށާއި، އޭނާގެ ވެރިކަމެއްގައި އެގޮތަށް ކަންތައްތައް ނުކުރައްވާނެ ކަމަށެވެ.

Ad
rt

މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވިދާޅުވީ "މި ސަރުކާރުގެ ކިބައިން ފެނުނީ މުޅިން ވެސް، ފަސް އަހަރު ނިމިގެންދާއިރު ވެސް، ކުރީ ސަރުކާރުގެ ވާހަކަދެއްކި ތަން. އަޅުގަނޑުމެންނަކީ އެގޮތަށް ކިޔައި އަޅުގަނޑުމެންގެ ޒިންމާއިން ރެކޭނެ ބައެއް ނޫން."ކަމަށެވެ. އަދި "ސަރުކާރަކުން އިހުމާލު ވެއްޖެ ނަމަ ފެންނާނީ ކަންކަން ބޮއްސުންލައިގެން ދާ ތަން" ކަމަށެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ސަރުކާރަކުން ފެށި ކަމަށް ވިޔަސް، ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއް ކޮށްދިނުމަކީ އަޅުގަނޑުމެން އެކަމުގައި އިހުލާސްތެރިކަމާ އެކީގައި ސަމާލުކަން ދޭނެ ކަންތައްތައް ކަމަށާއި މި ސަރުކާރުން އިހުމާލުވާ ކަންކަމަކީ ދެން އަންނަ ސަރުކާރަކުން ޒިންމާއެއް ކަމުގައި ދެކިގެން އިސްލާހު ކޮށްދޭން ޖެހޭނެ ކަންތައް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނެތި، އެއީ ކުރީ ސަރުކާރު ކިޔާފައެއް ދުލެއް ނުކުރާނަން،" ޑރ. މުޢިއްޒު އިތުރަށް ވިދާޅުވިއެވެ.