އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންއައި މޮރޮކޯގެ މިޑްފީލްޑަރ ސޮފްޔާން އަމްރަބަތު ލޯން އެއްބަސް ވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން 10 މިލިއަން ޔޫރޯގެ ފީއެއް ފިއޮރެންޓީނާއަށް ދައްކާނެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި މިވަނީ ސީޒަން ނިމުމަށް ފަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުން ވެއްޖެނަމަ އެކަން ކުރެވޭ ގޮތަށެވެ. އެހެން ވެއްޖެނަމަ ޔުނައިޓެޑުން 20 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެއެވެ.
އުމުރުން 27 އަހަރުގެ އަމްރަބަތު ފާއިތުވި ތިން ސީޒަންގައި ވެސް ކުޅެފައި ވަނީ ފިއޮރެންޓީނާއަށެވެ. މިދިޔަ ސީޒަންގައި ފިއޮރެންޓީނާ ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެ މުބާރާތުގެ ފައިނަލަށް ފިއޮރެންޓީނާ ގެންދިޔުމުގައި އަމްރަބަތުގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ ފިއޮރެންޓީނާއަށް މިހާތަނަށް 92 މެޗު ކުޅެ އެއް ލަނޑު ޖަހައިދީފައެވެ.
އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މޮރޮކޯއިން ހޯދިއިރު އޭނާ ވަނީ އެ މުބާރާތުގައި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެއީ ގައުމީ ޓީމުގައި އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއެވެ. އޭނާ ވަނީ މިހާތަނަށް މޮރޮކޯގެ ގައުމީ ޓީމަށް 49 މެޗު ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!