ތަރައްގީ ކުރުމަށްފަހު ގައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވާލައިފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވީ މިއަދުން ފެށިގެން ގައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވައިލާފައިވާ ކަމަށާއި އެތަން ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށް ކަމަށެވެ.

Ad
rt

ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތް ގާއިމްކުރުމަށް ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގްރާންޓް އެހީއާއި ދައުލަތާއި އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެންނެވެ.

މި މަޝްރޫއުގައި ބީއެމްއެލް ގެ ގްރާންޓް އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ވަނީ ބަހައްޓާފައެވެ. އަދި އެތަނުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވެސް ކޮށްފައި ވެއެވެ.

ބީއެމްއެލް އިން އެ ކުންފުނީގެ ސީ.އެސް.އާރް ގެ ދަށުން މި މަޝްރޫއަށް 2،000،000 (ދެ މިލިއަން) ރުފިޔާގެ އެހީއެއް ދެއްވާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ތެރެއިން ވަނީ ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށްފައެވެ. އަދި އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވަރކެއް ވެސް ގާއިމްކުރެވިފައިވެއެވެ.

މި ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4،742،993.71 (ހަތަރު މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ނުވަސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ އެއް ލާރި) ރުފިޔާ ހަރަދުކުރެވިފައިވާއިރު، ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955.01 (އެއް ލައްކަ އައްޑިހަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ރުފިޔާ އެއް ލާރި) ރުފިޔާ ހަރަދު ކޮށްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.

ގައުމީ ދާރުލްއާސާރު އަދިވެސް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް އިތުރުކުރުމަށް ރޭވިފައިވާއިރު، މި ފަހަރު މި ކުރެވުނު މަސައްކަތަށްފަހު ދާރުލްއާސާރު ހުޅުވިގެންދާއިރު ކުރިން ދާރުލްއާސާރުގައި މައުރަޒު ކުރެވިފައިވާ ނުވާ އައު ބައެއް އާސާރުތައް ވެސް މައުރަޒުކުރެވިފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.