އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ މޮޅު ކުޅުމާއިއެކު ބަޔާން މިއުނިކުން އޯސްބާގް ބަލިކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން ވަނީ 3-1 ގެ ނަތީޖާއިން އޯސްބާގެ މައްޗަށް ކުރި ހޯދާފައެވެ.

Ad
rt

މިއީ ލީގުގައި ބަޔާނުން ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުގައި ވެސް ހެރީ ކޭން ވަނީ ބަޔާނަށް ލަނޑު ޖަހައިދީފައެވެ. ލީގުގެ ފުރަތަމަ މެޗުގައި ބަޔާން ބައްދަލު ކޮށްފައި ވަނީ ވާޑަ ބްރެމެންއާއެވެ. އެ މެޗު 4-0 ގެ ނަތީޖާއިން ބަޔާން ކާމިޔާބުކުރި އިރު އެ މެޗުގައި ކޭން ވަނީ އެއް ލަނޑު ޖަހާފައެވެ.

ރޭ މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކޭންއެވެ. މެޗުގައި ބަޔާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އޯސްބާގްގެ ޑިފެންޑަރ އުޑުޚާއީ އަތުން ބައިކޮޅަށް ވަތްއިރު، ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކޭންއެވެ. ތިންވަނަ ލަނޑު ކޭން ޖަހާފައި ވަނީ 69 ވަނަ މިނެޓުގައި އަލްފަންސޯ ޑޭވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގައި އޯސްބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޑެމިރޮވިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޑްރެނާ ބެލިހޯއެވެ.

ލީގުގައި ބަޔާންގެ އިތުރުން ޔޫނިއަން ބާލިންއާއި ބަޔާން ލެވަކޫސަންއާއި ވުލްވްސްބާގް ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދާފައެވެ. ގޯލުގެ ތަފާތުން އެއްވަނާގައި ޔޫނިއަން ބާލިން އޮތްއިރު ބަޔާން އޮތީ ދެވަނާގައެވެ.