އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މައިބަދައިގެ އޮޕަރޭޝަނެއް ކޮށް، މިވަގުތު ސިޓީގެ ކޯޗް ގާޑިއޯލާ ހުރީ ޓީމާއި ދުރުގައެވެ. ވުމާއިއެކު މި މެޗުގައި ސިޓީއަށް އިރުޝާދު ދީފައި ވަނީ އެސިސްޓެންޓް ކޯޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ސިޓީއަށް ލިބުނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީ ހާލަންޑް ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ސިޓީން ފުރަތަމަ ލަނޑު ޖެހީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ގްރީލިޝް ޝެފީލްޑްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ހާލަންޑެވެ.

ނަމަވެސް ޝެފީލްޑުން ވަނީ 85 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޖޭޑަން ބޯލޭއެވެ. ސިޓީ މެޗުން މޮޅުވި ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރީއެވެ.

ސިޓީން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު މިވަގުތު އެ ޓީމް އޮތީ ތާވަލުގެ އެއްވަނާގައެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ 17 ވަނާގައެވެ. އެ ޓީމް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.