ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ދިވެހި ރައްޔިތުުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.

އޭނާ އެ ޕާޓީ އާ ގުޅިވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެމްޑީޕީ އަށް ސޮއި ކުރެއްވުމަށްފަހު މެމްބަޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެވެ.

Ad
rt

ޑރ. މައުސޫމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓްތައް ހިންގުމުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއި ނުގުޅި، ވާދަކުރުމަށް ޖޭޕީ އިން ނިންމުމާއި ގުޅިގެން އެ ޕާޓީގައި އިސްކޮށް ހަރްކާތްތެރިވި ބައެއް މެމްބަރުން މީގެކުރިން ވެސް ވަނީ އެ ޕާޓީ ދޫކޮށްފައެވެ.

ޑރ. މައުސޫމް އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމުން މިހާރު ކެބިނެޓުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާތިއްބަވާނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.