މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޠާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިކަމަކީ އިންތިހާބާއި ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ، މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ނަޒީރު މިފަދައިން ގޮވާލައްވާފައިވާއިރު، އަދާލަތު ޕާޓީއަކީ ރާއްޖޭގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީއެކެވެ. އަދި ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަދާލަތުން ކޯލިޝަން ހަދާފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކުގައެވެ.