ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ އެޓޭކިން މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު، ރެއާލުން ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.

ރޭ ސެލްޓަ ވީގޯގެ ދަނޑުގައި، ރެއާލާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ރެއާލުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

Ad
rt

މިއީ މި ސީޒަންގެ ލަލީގާގައި ރެއާލުން ކުޅުނު ތިންވަނަ މެޗެވެ. ތިން މެޗު ވެސް ރެއާލުން ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް އޮތީ ނުވަ ޕޮއިންޓާއި އެކުގައެވެ.

ރެއާލްގެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވިނީސިއަސްއަށް ރޭ މެޗުގައި ވަނީ އަނިޔާވެފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ދަނޑުމަތީ ފަރުވާ ހޯދައި ކުޅުން ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކުޅެވޭވަރު ނުވުމުން އޭނާ ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. ވިނީއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ރެއާލުން ހާމަކޮށްފައި ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސެލްޓަ ވީގޯއިން ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ކެންސަލް ކޮށްލީ އެ ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ރެއާލްގެ ކީޕަރަށް ސެލްޓަގެ ކުޅުންތެރިން ފައުލް ކުރުމާއި ގުޅިގެންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ރެއާލަށް ލިބުނެވެ. ރޮޑްރިގޯއަށް ސެލްޓަގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ، ރޮޑްރިގޯ ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 81 ވަނަ މިނެޓުގައި ޖަހައިދިނީ ބެލިންހަމްއެވެ. ރެއާލުން ނެގި ކޯނަރެއް އެ ޓީމްގެ ހޯސެލޫ ބޮލުން ފްލިކް ކޮށްލި ވަގުތު ފާ ޕޯސްޓުން އަރައި ބޮލުން ޖަހައި ބެލިންހަމް ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.

ރެއާލުން ސީޒަންގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗުގައި ވެސް ބެލިންހަމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ތިން މެޗުގައި އޭނާ ވަނީ ރެއާލަށް މުހިންމު ލަނޑުތައް ޖަހައިދީފައެވެ.