މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންސްޓެންޓް ޕޭމަންޓް ސިސްޓަމަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހިދުމަތެވެ. މި ހިދުމަތާއެކު ފައިސާގެ މުއާމަލާތް ކުރުމުގައި ލިބިގެންދާނެ ލުއިތަކުގެ ސަބަބުންނެވެ.

މިހާރު އެއް ބޭންކު މެދުވެރިކޮށް އަނެއް ބޭންކަށް ފޮނުވާ ފައިސާ ޖަމާވުމުގައި މަދުވެގެން 24 ގަޑިއިރު ނަގައެވެ. އަދި ބަންދު ދުވަހެއްގައި ފައިސާ ފޮނުވައިފިނަމަ އެ ފައިސާ ޖަމާވާނީ ޗުއްޓީ ނިމުމުންނެވެ. މީގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ދިމާވެއެވެޒ

Ad
rt

މި ދަތިތައް ހުރި ނަމަވެސް މިހާރު މި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމުގެ އުއްމީދެއް މިވަނީ ލިބިފައެވެ. ފައިސާގެ މުއާމަލާތްތައް އަވަސް ވާނެ ބަދަލެކެވެ. ރައްކާތެރި ބަދަލެކެވެ. އަދި އެހާމެ ފަސޭހަ ބަދަލެކެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރެވޭ ކޮންމެ މުއާމަލާތެއް ވެސް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެއެވެ. މި ސިސްޓަމްގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ ބަންދުގަޑިއަކަށް ހަފްތާ ބަންދެއްގެ ސަބަބުން ލަސްވާނެ މުއާމަލާތެއް ނޫނެވެ. ކޮންމެ އިރެއްގައި ކޮންމެ ތާކު ހުރެ، ކޮންމެ ބޭންކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ވަގުތުން ވަގުތަށް މި ސިސްޓަމުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.

ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތަކާއެކު އެތަކެއް ފަސޭހައެއް މި ހިދުމަތާއެކު އަންނާނެއެވެ.

ރާއްޖޭގައި ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތައް އަދިވެސް އެބަހުއްޓެވެ. ނަމަވެސް މި ސިސްޓަމްގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރަންޖެހޭ ދަތުރުތައް ކުރަން ނުޖެހި، ރަށުގައި ތިބެ ފައިސާގެ ހުރިހާ މުއާމަލާތެއް ނިންމާލެވޭނެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވޭނީ މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން، ފައިސާގެ މުއާމަލާތެއް ކުރުމާއެކު ފޮނުވި ފަރާތާއި ޖަމާވި ފަރާތަށް ވެސް ވަގުތުން ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. މިއީ ވިޔަފާރީގެ މުއާމަލާތްތަކުގެ ޔަގީންކަން އިތުރެވެ، މުއާމަލާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ލިބިގެންދާނެ ފަސޭހައެކެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ ހިރާސްތައް ނެތިގެންދާނެއެވެ.

މި ނިޒާމު ގާއިމުކޮށް ހިދުމަތައް ހުޅުވާލުމާއެކު މި ސިސްޓަމްގެ ބޭނުން ކޮށްގެން ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފަހިކޮށް، ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގު ހުޅުވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެގޮތުން، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގައާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕްފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ. އެގޮތުން، ބޭންކެއްގައި އެކައުންޓެއް ނެތަސް މި ސިސްޓަމްގައި ބައިވެރިވާ ފަރާތްތަކަށް ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ.

ފައިސާދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒާއެކު އެމްއެމްއޭ އިން ފަށާފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ނިމި ހިދުމަތް ފަށާއިރު މި ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެއްބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުންދަނީ 3 ބޭންކަކުންނެވެ. އެއީ ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައިއެވެ.