ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ފަށައިފިއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން އަނބު ދަނޑު ހެެއްދުމަށް، އެންމެ ފުރަތަމަ އަނބުގަސް ޖަހާފައިވަނީ ހއ. އުތީމުގައެވެ. އެރަށުގައި 40 އަނބުގަހުގެ އަނބު ދަނޑެއް ވަނީ ޖަހާފައެވެ.

Ad
rt

އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

ވަޒީރު ވިދާޅުވީ މި އަނބުގަސްތަކަކީ ބަނގްލަދޭޝް އިން ގެނެސްފައިވާ މުޑުވަށްތަކެއް ކަމަށެވެ. މި މުޑުވަށް އާލާކުރުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައި މިވަނީ، ބަންގްލަދޭޝްއަށް ކުރި ދަތުރެއްގައި މިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހޯދާ، ތަޖުރިބާ ކުރުމަށްފަހުކަމަށެވެ. އަދި ރާއްޖޭގައި އާއްމުކޮށް ހައްދާ އަނބު ގަހަކީ ހައްދަން އުނދަގޫ ގަހެއް ކަމަށާއި އެހެންނަމަވެސް އަލަށް ތަޢާރަފުކުރި ބަންގްލަދޭޝްގެ މި މުޑުވަކަކީ ހައްދަން ފަސޭހަ، މީރު އަނބެއްކަމަށެވެ.

މި މުޑުވަށް 3-4 އަހަރުގެ ތެރޭގައި ރަނގަޅަށް ފޯދި، މޭވާ ލިބޭނެ ކަމަށާއި މިގޮތަށް ސަރުކާރުގެ އެހީގައި ރަށްރަށުގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގައި އިންދާ ގަސް ނުވަތަ ދަނޑުތައް ކައުންސިލްތަކުން ރަނގަޅަށް ބެލެހެއްޓުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ކުރިމަގަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް ސިފަކުރެއްވިއެވެ.

މި ޕްރޮގްރާމް އަދި ފަށާފައި މިވަނީ ހަމައެކަނި އުތީމުގައި ނަމަވެސް، އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް އިތުރު ގަސްތައް ލިބި، ގިނަ ރަށްތަކެއްގައި އަނބު ދަނޑު ޖެހުމުގެ މަސައްކަތް ފަށާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ވަނީ ރުކުގެ އައު ޖީލެއް ބިނާކު ކުރުމުގެ ޕްރޮގްރާމް ވެސް ރާއްޖޭގައި ފަށާފައެވެ. މިއީ 5000 ރުއް އިންދުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

މިއީ ރާއްޖޭގެ ރަށްތަކުގައި ކާނާ ލިބޭ ގަސް އާލާކުރުމަށް އެ ވުޒާރާ އިން މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

އެގޮތުން ރުކުގެ އައު ޖީލެއް ބިނާކުރުމަށް ރުއް އިންދުމަށް ފެށި ޕްރޮގްރާމަށްފަހު، އަނބު ގަސް އިންދަން ފަށާފައި މިވަނީި ދެވަނަ ޕްރޮގްރާމެއްގެ ގޮތުގައެވެ.