އަރަބިއްޔާ ސްކޫލު ސްކޫލު ކުދިން މިހާރު ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް" ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު އުތުރުގެ ރަށްތަކަށް ކުއްރަވުން ގެންދަވާ ދަތުރުފުޅުގައި، ށ ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްލާމީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށާއި، އަރަބިއްޔާ ސްކޫލު ހިންގުމަށް މާލެއިން ބޮޑު ބިމެއް ކަނޑައަޅުއްވާނެކަމަށެވެ.
މުޢިއްޒުގެ ވާހަކަފުޅުގައި މިސަރުކާރުން ބާޖަމާލުއްދީނު ބިމުގައި އަރަބިއްޔާ ސްކޫލު އެޅުމާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އެ ބިމަކީ ޖަމާލުއްދީން ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ބޭނުންކުރެވިދާނެ ބިމެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން މިހާރު އަރަބިއްޔާ ސްކޫލު ކުދިން ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް" ކަހަލަ ތަނެއްކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑު މުޢިއްޒު ވިދާޅުވިއެވެ.
"މާލޭގައި އެބައޮތް އަރަބިއްޔާ ސްކޫލު އެޅޭނެ ބިން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދޭނެކަމެއް އެއީ، ވެރިކަމަށް ހޮވިއްޖެނަމަ ޒަމާނީ އަރަބިއްޔާ ސްކޫލެއް އިމާރާތްކޮށްދީ، ޒަމާނަށް ފެތޭ ގޮތަށް ތަޢުލީމު ދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނަން"
މުޢިއްޒު ވިދާޅުވިއެވެ.
ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން އެރަށަކީ ތަރައްޤީވަމުން އަންނަ ރަށެއްކަން ފާގަކޮށް އެރަށުގެ ކުނި މެނޭޖްކުރުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެވާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!