ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާއެެވެ.

Ad
rt

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ހުޅުމާލޭގެ ޓޫރިސްޓް ވީޗު ފަރުމާ ކުރުމުގައި މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި އާބަންކޯގެ ޓީމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ބީޗެއް ނެތުމުން އެ ދާއިރާގެ ގިނަ ބައެއްގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، މި ބީޗަކީ ގިނަ ބައެއްގެ ޝަކުވާއަށް ހައްލެއް ގެނައުމަށް ހިންގާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބީޗު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ތީމް ޕާކާއި އެމްޓީސީސީގެ ބަސް ސްޓޮޕްގެ ފުރަގަހުގައެވެ. އެތަނުގައި ބީޗު ހަދަނީ، އެ ސަރަހައްދަކީ އާންމު ރައްޔިތުން އުޅޭ ސަރަހައްދާ ދުރު، ދެބައިމީހުންނަށް ވެސް އެއްވެސް އުނދަގުލެއް ނުވާނޭ ސަރަހައްދަކަށް ވުމުން ކަމަށް އާބަންކޯއިން ބުނެއެވެ.

އެ ސަރަހައްދުގެ މަސައްކަތް ނިމޭއިރު، ބީޗެއްގައި ފަތުރުވެރިން ބޭނުންވާނެ އޯޕެން ޝަވާ، ޓޮއިލެޓް ބްލޮކްސް ފަދަ އެތައް ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަަށް ވެސް އާބަންކޯއިން ބުންޏެވެ.