ކޯޓުތަކުގެ އިމާރާތްތައް ބާވެ, ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ކޯޓުތައް އިމާރާތް ކުރަން ދާންވީ ކޯޓުތަކުގެ ފަނޑިޔާރުންތޯ ވިދާޅުވެ, ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ދައުލަތާ ސުވާލު ކުރިމަތި ކުރައްވައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދެ ދައުވާއެއް އުފުލާފައިވާ އަހުމަދު އަމްނު ކިޔާ މީހެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އޭނާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒުއެއްސެވީ ދައުލަތުން ކޯޓުގައި ވާހަަކަ އެގޮތަށް ދައްކަނީ މިހާރު ކްރިމިނަލް ކޯޓު އޮތް ހާލަތަށް ރިއާޔަތްކޮށްފައިތޯ ވިދާޅުވެ އެވެ.

Ad
rt

"ހަމައެކަނި ގާނޫނުގެ މައްޗަށް ތި ވާހަކަ ދައްކަވަނީ. ފިޒިކަލީ އެތަން ހުރި ހާލަތަށް ރިއާޔަތްކުރެއްވިންތޯ؟،" ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރު ވިދާޅުވީ މި ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލައެއް ހުށަހެޅޭ ކްރިމިނަލް ކޯޓުގެ އެއް ބައި އޮތީ ވެއްޓިފައި ކަމަށާއި ޑިއުޓީ ބަހައިގެން ޝަރީއަތްތައް ބާއްވަން ޖެހިފައިވާ ކަމަށެވެ.

"އެތަނުގައި ކިހިނެއްތޯ މަސައްކަތް ކުރަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ ތިޔަ ބޭފުޅުންނަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް އޮޅިފައި އޮތް ކަމެއްހެން. އެހެންވީމަ އެކަންކަން ހައްލު ކުރެވެން ޖެހޭނީ. ހައްލުކޮށްގެން ތިގޮތަށް ވާހަކަ ދެއްކޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނިޔާޒު ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ ކޯޓުގެ ހާލަތާއި އިދާރީ ކަންކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހަށް ޖަވާބެއް ދެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަމައެކަނި ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގުމަށް ނޫން ކަމަށާއި ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟،"

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއްބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ. އަދި ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.