ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ އެ އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހުރި އެއް އަތޮޅުކަން ފާހަގަ ކުރައްވާފައެވެ.

Ad
rt

"އަތޮޅުގަ މިހިރަ ރިސޯޓުތައް، މިއީ ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ހައިއެންޑު ރިސޯޓުތައް ހުރި އަތޮޅު، މި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ މި އަތޮޅުގެ އަތޮޅު ކައުންސިލަށް ދިނުމަށްޓަކާ ޑިމޮކްރެޓުން ވެރިކަމަށް މި އަންނަނީ. މި ބަދަލާ އެކީ ނޫނީ މި ރަށްރަށް މި އަތޮޅުތައް ތަރައްގީއެއް ނުކުރެވޭނެ" އިލްޔާސް ވިދާޅުވިއެވެ.

ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދިނުމަކީ ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނޭ ކަމަކަށް ވެސް ވާއިރު، ރަށު އަދި އަތޮޅު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނިގެން ގެންނަވާނެ ބަދަލުތައް ވެސް އިލްޔާސް ވަނީ ކިޔައިދެއްވާފައެވެ.

އެގޮތުން، ރަށްރަށުގެ ކައުންސިލުން ދޭ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ފުޅާވެގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ ކައުންސިލަށް މިހާރު މި އޮންނަނީ ސަރުކާރުން ބްލޮކްގްރާންޓެއްގެ ދަށުން ދޭ އެއްޗެއް އެކަނި ކަމަށާއި އެއިން އެމީހުންގެ މުސާރައާއި ފެން ބިލާއި ކަރަންޓު ބިލް ދައްކާލާފަ ދެން ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ވެލިދޫއަށް ދިމާވެފައިވާ ދަތިތަކަށް އަލިއަޅުއްވާ އޭނާ ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި އިސްކަންދޭނީ ބޮޑު އިމާރާތެއް ނޫން ކަމަށާއި ރަށުގައި ހުންނަ ސިއްހީ މަރުކަޒުން ވެސް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ވުމަކީ ޑިމޮކްރެޓުންގެ ސިޔާސަތު ކަމަށެވެ. އަދި އެކަން އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.