ކުރީގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓު އައިޝަތު އާނިޔާ ނިޔާވެއްޖެއެވެ.
ކެންސަރު ބަލީގައި އޭނާ ނިޔާވެފައިވަނީ މިއަދުއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި އިސް ދައުރެއް އަދާކުރި އާނިޔާ ނިޔާވީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގައެވެ.
އާނިޔާ އަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަމުން އައި އެކްޓިވިސްޓެކެވެ. އެގޮތުން ކްލަބްހައުސާއި އެކްސް ގައި އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް ހިޔާލު ފާޅުކޮށްފައި ވެއެވެ.
އޭނާ ވަނީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ. އަދި ޕާޓީގެ ތެރޭގައި އިސް ދައުރެއް އަދާކޮށްފައި ވެއެވެ.
އެހެންނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބަށް ފަހު، އާނިޔާ ވަނީ ޕާޓީން ވަކިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!