އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު، ޓޮޓެންހަމުން ކާމިޔާބު ކޮށްފިއެވެ. ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށްފައެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން ވަނީ ވުލްވްސްގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް ރޭ ކުޅުނު ދެވަނަ މެޗުގައި ޔުނައިޓެޑް މި ވަނީ ޓޮޓެންހަމް އަތުން ބަލިވެފައެވެ. މިއީ ސީޒަންގައި ޔުނައިޓެޑްގެ ފުރަތަމަ ބައްޔެވެ.

Ad
rt

ޓޮޓެންހަމްގެ ތަޖުރިބާކާރު ފޯވާޑެ ހެރީ ކޭން ބަޔާން މިއުނިކަށް ވިއްކާލުމަށް ފަހު، ކޭން ނުލާ ކުޅުނު މި މެޗުގައި ޓޮޓެންހަމުން ވަނީ ކޭން ނުލައި ވެސް އެ ޓީމަކީ ފެންވަރު ރަނގަޅު މޮޅު ޓީމެއްކަން ސާބިތު ކޮށްދީފައެވެ.

ރޭ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ދެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުޞަތު ފަހިކުރިއެވެ. ގޯލާއި އަމާޒުވީ ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކީޕަރ އޮނާނާއާއި، ޓޮޓެންހަމްގެ ކީޕަރ ވިކާރިއޯގެ ހުޝިޔާރުކަން މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

ޓޮޓެންހަމްގެ ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލުގެ ދަނޑިއާއި އަމާޒުވީއިރު، ޔުނައިޓެޑްގެ އެންތަނީ ފޮނުވާލި ހަމަލާއެއް ވަނީ ޓޮޓެންހަމްގެ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ޓޮޓެންހަމްއަށް ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ އެ ޓީމްގެ މިޑްފީލްޑަރ ޕާޕޭ މާޓާ ސާއެވެ. ޓޮޓެންހަމުން ޖެހި ދެވަނަ ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރ މާޓިނޭޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މިއީ ލީގުގައި ޓޮޓެންހަމުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑާއި ބައްދަލުކޮށް ވަނީ އެއްވަރުވެފައެވެ.