އިޓަލީގެ އައު ކޯޗަކަށް ލޫސިއާނޯ ސްޕަލެޓީ ހަމަޖައްސައިފިއެވެ.
އިޓަލީގެ ކޯޗުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ރޮބާޓޯ މަންޗިނީ މި މަހު 13 ވަނަ ދުވަހު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ސްޕަލެޓީ އެންމެ ފަހުން އިރުޝާދު ދީފައި ވަނީ އިޓަލީގެ ނަޕޯލީއަށެވެ. އެ ޓީމަށް ތިރީސް އަހަރުތެރޭ ފުރަތަމަ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު މިދިޔަ ސީޒަން ނިމުމުން އޭނާ ވަނީ ނަޕޯލީގެ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.
ނަޕޯލީ ދޫކޮށްލުމަށް ފަހު އޭނާ ފުޓްބޯޅައިން ބްރޭކެއް ނަގަން ނިންމައިގެން ހުރި ނަމަވެސް އިޓަލީގެ ގައުމީ ޓީމުން ހުށަހެޅުން ލިބުމުން އޭނާ ވަނީ ވިސްނުން ބަދަލުކޮށް އިޓަލީގެ ކޯޗުކަން ގަބޫލު ކޮށްފައެވެ. ސްޕަލެޓީ އިޓަލީގެ ގައުމީ ޓީމާއި ރަސްމީކޮށް ހަވާލުވާނީ އަންނަ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ.
މަންޗިނީ އިޓަލީ ގައުމީ ޓީމުގައި ފާއިތުވި ފަސް އަހަރު މަސައްކަތްކުރިއިރު، އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. ނަމަވެސް މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައި ނުވެއެވެ.
ސްޕަލެޓީއަކީ ކޯޗިން ކެރިއާގައި ޔޫރަޕްގެ ގިނަ ޓީމްތަކަކަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. މިގޮތުން އޭނާ ވަނީ ނަޕޯލީގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި ރޯމާއަށް ވެސް އިރުޝާދު ދީފައެވެ. އަދި ރަސިޔާގެ ޒެނިތުގެ ކޯޗުކަން ވެސް އޭނާ ކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!