ޖަރުމަނު ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު ޗެމްޕިއަން ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ.
ބްރެމެންގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުގައި ބަޔާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު ބަޔާނަށް ޖަހައިދިނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާނޭއެވެ.
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބަޔާންއަށް، ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މި ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި އަލްފަންސޯ ޑޭވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކޭންއެވެ.
މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ތިންވަނަ ލަނޑު 91 ވަނަ މިނެޓުގައި މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާނޭ ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު ޖެހީ މަތީސް ޓެލްއެވެ. ޓެލް މި ލަނޑު ޖަހަން ފުރުޞަތު ފަހު ކޮށްދީފައި ވަނީ އަލްފަންސޯ ޑޭވިސްއެވެ.
ކޭންގެ އިތުރުން މި ޓްރާންސްފާގައި ނަޕޯލީ ދޫކޮށް ބަޔާންއާއި ގުޅުނު ދެކުނު ކޮރެއާގެ ޑިފެންޑަރ ކިމް ވެސް ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.
ޖަރުމަނު ލީގުގައި މިރޭ ގިނަ މެޗުތަކެއް ކުޅޭނެއެވެ. އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަން ނުކުންނާނީ އާރުބީ ލެއިޕްޒިގްއާއި ދެކޮޅަށެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އެފްސީ ކޮލްންއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!