ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ހުންނަވާ އިލްޔާސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރާއެކީ އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ގާއިމުވާން ޖެހޭ ކަމަށެވެ.

Ad
rt

އެގޮތުން އެ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓުތައް ގާއިމުވެ، އެ ސަރަހައްދުގެ ރަށްރަށުގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީކުރުވެންޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިކަން ކުރުމަށް ބޭނުންވަނީ އެމީހުން [އިންވެސްޓަރުން] މިތަނަށް ފައިސާ ހިފައިގެން އިންވެސްޓްކުރަން އަންނަ އިންސެންޓިވްތަކެއް. އަޅުގަނޑުމެން ސަރުކާރަށް މި އަންނަނީ މި ސަރަހައްދުގެ ޓޫރިޒަމަށް އިންވެސްޓްކުރާ ކޮންމެ ފަރާތަކަށް ޓީޖީއެސްޓީ ފުރަތަމަ ތިން އަހަރު އެކީ ކަނޑާލަން، ޖެހިގެން އަންނަ ހަތްއަހަރު ޓީޖީއެސްޓީ 50 އިންސައްތައަށް ކުޑަކުރުމަށްޓަކާ" އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި ކުރެވޭނެ މަސައްކަތްތައް ދިއްދޫގެ ރައްޔިތުންނަށް ތަފުސީލުކޮށްދެއްވާ ވިދާޅުވީ ގެސްޓްހައުސް އާއި ބުޓިކް ހޮޓާތައް ފަދަ ކުދި ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ވިޔަފާރިއަކީ ރާއްޖޭގައި ތަޖުރިބާ ކުރެވި އެއިން އާމްދަނީ ލިބޭކަން ޔަގީންވާ ވިޔަފާރިއެއް ކަމަށް ވެސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގައި 911 ގެސްޓްހައުސް ރަޖިސްޓާ ވެފަ އެބަހުރި ކަމަށާއި 14،900 ގެސްޓްހައުސް ބެޑު ގާއިމުވެފަ އެބަހުރި ކަމަށެވެ. އަދި ގެސްޓްހައުސް އަކީ އެންމެ ގިނަ ރަށްރަށުގައި އާންމު މީހާގެ އާމްދަނީއަށް އެންމެ ފައިދާވާ ވިޔަފާރި ކަމަށް ވެސް ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ ފަސޭހަ ވިޔަފާރި ސިޔާސަތުގައި ވާގޮތުން، އިކުއިޓީއެއް ނެތި، މޯގޭޖު ކުރުމެއް ނެތި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރަން ބޭނުންވާ ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ ފީސިބަލް ޕްލޭނެއް ހުށަހެޅުމުން އެކަމަކަށް ސަރުކާރުން ފައިސާ ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.