ގދ. މަޑަވެއްޔާއި ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ކޮލަމާފުއްޓަށް އިތުރު ކުރަން ނިންމާފައި ވަނީ 9.16 ހެކްޓަރުގެ ބިމެވެ. މިއާއެކު އެ ރަށުގެ ބިމުގެ ސައިޒު 43 ހެކްޓަރަށް އިތުރުވާނެއެވެ. މި މަޝްރޫއުގެ ދަށުން 823 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 44.3 މިލިއަން ރުފިޔާއަށް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާަ ގޮތަށެވެ.

މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 8.85 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރަންވެސް ހަމަޖެހިފައިވާ އިރު، މިއާއެކު އެ ރަށުގެ ބިމުގެ ސައިޒު 58 ހެކްޓަރަށް އިތުރުވާނެއެވެ.

މި މަޝްރޫއުގެ ދަށުން 450 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކޮށް، 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހައި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 77.9 މިލިއަން ރުފިޔާއަށް އެއް އަހަރާއި އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އީއައިއޭ ހެދުމަށްފަހުއެވެ.