އިދާރީ ގޮތުން ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ފާޑު ވިދާޅުވެފަ އެވެ.

Ad
rt

"މިހާރު ދެ އަހަރުވެގެން މި ދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި. ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާ ނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ؟،" ސުއޫދު އެއްސެވި އެވެ.

"...މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް."

ފަނޑިޔާރު ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށާއި ނަމަވެސް، ތިބެން ޖެހިފައިވަނީ "ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން" ކަމަށެވެ.

"އަޅުގަނޑުމެންނަށް އިދާރީ އެންމެ އިސް މުވައްޒަފެއް ލިބޭނެ ދުވަހެއް އަޅުގަނޑު ބޭނުން ބަލަން،" ފަނޑިޔާރު ސުވާލު ތަކުރާރު ކުރައްވަމުން ގެންދެވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ދެ އަހަރު ވެގެންދާއިރު ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ނުކުރެވި، އާދޭސްކުރަން ޖެހިފައިވާ ކަމަށެވެ. ޖޭއެސްސީއަށް އެކަން ނުކުރެވޭއިރު ސުޕްރީމް ކޯޓުން އަމިއްލަ މުވައްޒަފުން އައްޔަންކުރުން، އެއީ ނުފޫޒެއްގެ ތެރެއަށް ކޯޓު ވަނުންތޯ ސުއޫދު ސުވާލު އުފެއްދެވި އެވެ. އަދި ގާނޫނުއަސާސީން ތަސައްވަރުކުރާ ގޮތަކީ ކޯޓުތަކުން އާދޭސްކުރާ ގޮތަށް ބޭއްވުންތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ.

"ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،" ކޯފާ އިސްކުރައްވައި، ސުއޫދު ސުވާލުކުރައްވަމުން ގެންދެވި އެވެ.

ސުއޫދު ވިދާޅުވީ ރަނގަޅަށް އިދާރީ ގޮތުން ހިންގި، ކޯޓުތަކަށް މުވައްޒަފުންނަށް ގަވައިދުން ޑީޖޭއޭއަށް އައްޔަން ކުރެވޭނެ ނަމަ ބާރުތައް ނަންގަވައިގެން ތިބެން ރަނގަޅު ކަމަށާއި ނަަމަވެސް އެކަން ނުވާ ކަމަށެވެ.

"މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން. ދެން މި ތަނަށް އައިސް ތިބުނަނީ ތިމަންނަމެންނޭ ހިންގަނީ. ހަތް ފަނޑިޔާރުން ނޫން ބަޔަކު މިތާ ނެތް. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ، ހިންގާނީ." ފަނޑިޔާރު ވިދާޅުވި އެވެ.