ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު ގާތްގަޑަކަށް 4:42 ހާއިރު މާލޭ މަޖީދީ މަގުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަމިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާ އަހްމަދު އަފްޢާލް ވިދާޅުވީ އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރުދޫކޮށްލާފައިވާ ކަމަށާއި އަނެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ވެސް ސީރިއަސް ނޫން ކަމަށް އަފްޢާލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މި އެކްސިޑެންޓު ހިނގައި، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މަންޒަރުން ފެންނަގޮތުގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހެލްމެޓް ވެސް ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ.
މީގެ އިތުރުން އަނިޔާވި އެކަކު ހޮސްޕިޓލަަށް ގެންދިއުމަށް ފުލުހުންނާއި އާންމުން ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް ތަންކޮޅެއް އިތުރުވެފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ވަނީ ނުރައްކާތެރތި އެކްސިޑެންޓެއް ހިނގާފައެވެ.
އެ އެކްސިޑެންޓުގައި އެމްއެންޔޫގެ ލެކްޗަރާއެއް ކަމަށްވާ ހަފީޒް އަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭޑީކޭ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރުވަނީ އިތުރުފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. ހަފީޒް އިންޑިއާއަށް ފުރުވާލާފައި ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރު ބަންދުކުރި ނަމަވެސް ފަހުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!