ވުލްވްސް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.
ފާއިތުވި ހަފްތާގައި ވުލްވްސްގެ ކޯޗުކަމާއި ހަވާލުވި ގެރީ އޯނެއިލްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ޔުނައިޓެޑާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗުގައި ވެސް ވުލްވްސްގެ ޑިފެންސްތެރެއިން ލަނޑު ޖަހާނެ ފުރުޞަތު ހޯދުން ޔުނައިޓެޑަށް ވީ އުނދަގޫ ކަމަކަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ވެން ބިކާސާ ވުލްވްސްގެ ގޯލު ކުރިމައްޗަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ރަފޭލް ވަރާންއެވެ. މިއީ ވަރާން ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑެވެ.
މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ އޭރިއާތެރެއަށް މަތިން ހުރަސްވީ ބޯޅަ ދިފާއުކުރަން ކީޕަރު އޮނާނާ ނުކުމެ މަސައްކަތް ކުރުމުގެ ތެރޭ ބޯޅައާއި ކޮންޓެކްޓް ނުވެ، ވުލްވްސްގެ ސަސާ ކަލަޑިޗްގެ ގައިގައި ޖެހި ހިނގި އިންސިޑެންޓާއި ގުޅިގެން ވުލްވްސްއަށް ޕެނަލްޓީ ލިބެންޖެހޭކަމަށް ބުނެ ކޯޗް އޯނެއިން ހިތްހަމަ ނުޖެހުން ފާޅު ކުރުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑު ދައްކާފައެވެ. މެޗަށް ފަހު ވެސް އޭނާ ވަނީ ރެފްރީގެ ނިންމުމާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ޔުނައިޓެޑުން ދެން ލީގުގައި އެންމެ އަވަހަށް މެޗެއް ކުޅޭނީ މި ހަފްތާ ހޮނިހިރު ދުވަހުގެ ރެއެވެ. އެ ރޭ 21:30 ގައި ޔުނައިޓެޑް ނުކުންނާނީ ޓޮޓެންހަމްއާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ޓޮޓެންހަމްގެ ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!