މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުން އެހެންތަނެއްގައި ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މީހުންނަށް ވޯޓު ފޮށި ބެހެެއްޓޭކަން ކަށަވަރު ވެފައިވާ ތަނަކަށް، އަލުން ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 8:30 ފެށިގެން މާދަމާ ހަވީރު 4 ޖަހަންދެން އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ވޯޓު ފޮށި ބެހެއްޓުމަށް ނިންމައި، ރީރަޖިސްޓްރީ ވުމަށް ކުރިން ހުޅުވައިލުމުން އެކަށީގެންވާ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައި ނުވާތީ ފޮށި ނުބަހައްޓަން ނިންމި ތަންތަނުގެ ލިސްޓެއް ހަބީބުގެ ޓްވީޓްގައި ހިމަނުއްވާފައިވާއިރު، ބައެއް ރިސޯޓުތަކާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ވެސް ހިމެނެއެވެ.
އެގޮތުން ޓޯކްޔޯ، ނިއުދިއްލީ، ބެންކޮކް އަދި ސިންގަޕޫރު ގައި ވެސް ވޯޓުފޮށި ބެހެއްޓޭވަރަށް އަދަދު ހަމަވެފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރިސޯޓުތަކުގައި 65 ވޯޓު ފޮށި ބަހައްޓާއިރު، ބޭރު ގައުމުތަކުގައި ފަސް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތަކުގެ ތެރޭގައި ޓްރިވެންޑްރަމް، ކޮލަމްބޯ، ކުއަލަލަމްޕޫރު، ލަންޑަން އަދި ޔޫއޭއީ ހިމެނެއެވެ.
އީސީ އިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ރެޖިސްޓާ ވުމަށް ހުށަހެޅި 40،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 35،849 މީހުން ރަޖިސްޓާ ކޮށްފައިވާ ކަމަށެވެ. އަދި މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބޭ ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 609 ވޯޓު ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަނުން ކުރިންނިންމާފައި ވީނަމަވެސް، މިހާރު ބެހެއްޓުމަށް ނިންމާފައިވަނީ ގާތްގަނޑަކަށް 580 ވޯޓު ފޮށި ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!