"އިސްރާފު މަދު މިސްރާބު - ފެން އެޑިޝަން" ގެ ނަމުގައި އެކްސްޕޯ އެއް ބ. މާޅޮހުގައި ބާއްވައިފިއެވެ.
މިއީ ޕްލާސްޓިކް ފެންފުޅިއަށް ބަރޯސާވުމުގެ ބަދަލުގައި ފެން ފިލްޓަރ ބޭނުންކުރުމުން ތިމާވެއްޓާއި ސިއްހަތަށް ލިބޭ ފައިދާތަކަށް ހޭލުންތެރިކުރުމާއެކު، ރާއްޖޭގައި މިވަގުތު ފެން ފިލްޓަރ ކުރުމަށް ލިބެން ހުރި ހައްލުތަކަށް މުޖުތަމައު އަހުލުވެރިކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.
ސޮނެވާ ނަމޫނާ އާއި ބ. މާޅޮސް ކައުންސިލު ގުޅިގެން މި އެކްސްޕޯ ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާޅޮހުގައެވެ.
މި އެކްސްޕޯގައި މާލޭގައި ހިދުމަތްދޭ އެކި ވޯޓަރ ފިލްޓަރ ސަޕްލަޔަރުންގެ ފަރާތްތަކުން އެފަރާތްތަކުން ފޯރޮކޮށްދޭ އެކި ބާވަތުގެ ފެން ފިލްޓަރުތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު، މިގޮތުން ފެން ފިލްޓަރ ސަޕްލައިކޮށްދޭ ޕާމް ޓްރީ މެރިން, ރޭޑިއަންޓް ހީޓް، އަދި ރީޓޯ ސޮލިއުޝަންސް ގެ މަންދޫބުން މި އެކްސްޕޯގައި ބައިވެރިވިއެވެ.
އެކްސްޕޯ ގައި ބައިވެރިވި އާންމު ފަރާތްތަކަށް ސަޕްލައަރުން ފޯރުކޮށްދޭ އެކިއެކި ފިލްޓްރުތަކުގެ ކެޓަލޮގްތަށް ފޯރުކޮށްދީ، ފައިސާ ދެއްކޭނެ އެކި ގޮތްތައް ކިޔާދިނުމުގެ އިތުރުން ހާއްސަ ޑިސްކައުންޓްތަކެއް ވެސް ވަނީ ފަހިކޮށްދީފައެވެ.
މީގެ އިތުރުން ބ. އަތޮޅުގައި އެކްސްޕޯގައި ބައިވެރިވި ސަޕްލައަރުންގެ އެޖެންޓްކަން ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސެޝަނެއް ވެސް އެކްސްޕޯގެ ހަވާސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެން ފިލްޓަރުތަކަށް ބޭނުންވާ އާފްޓަރ ސޭލްސް ހިދުމަތްތައް ދެވޭނެގޮތް އެ އަތޮޅުގައި ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.
"އިސްރާފު މަދު މިސްރާބު - ފެން އެޑިޝަން" އަކީ ތައުލީމީ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ސްކޫލް ދަރިވަރުންނާއި ނަމޫނާ ޒީރޯ ވޭސްޓް ޗެމްޕިއަންސްގެ އިތުރުން ވޯޓަރ ފިލްޓަރ ސަޕްލައިކޮށްދޭ ފަރާތްތައް ހިމެނޭ ގޮތަށް ހިންގާ އިޖްތިމާއީ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ މުޖުތަމައުގެ އެންމެންގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވި އާދަކާދަތައް އަށަގެންނެވުމާއެކު މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމެވެ.
މި އެކްސްޕޯއަށް ތައްޔާރުވުމުގެ ގޮތުން މާޅޮހުގައި ޒީރޯ ވޭސްޓް ޗެމްޕިއަނުން ހެދި ބޭސްލައިން ދިރާސާގައި ބައިވެރިވި ގޭބިސީތަކުގެ 77 ޕަސެންޓް ގޭބިސީތަކުން ފެން ފިލްޓަރ ފަސޭހައިން ލިބޭކަމުގައިވާނަމަ ބޭނުންކުރާނެ ކަމަށް ވަނީ ބުނެފައެވެ. މި ދިރާސާ ހަދާފައިވަނީ މާޅޮހުގެ 60 ގޭބިސީގެ ބައިވެރިވުމާއެކުގައެވެ.
މީގެ އިތުރުން ދިރާސާގެ ބައިވެރިންވަނީ މާކެޓްގައި ލިބެން ހުރި އެކި ފިލްޓަރތަކާއި އެތަކެތި ފައިނޭންސް ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ބޭނުންވާކަން ފާހަގަކޮށް، ސަޕްލައަރުންނާއި ފަސޭހައިން ބައްދަލުކުރަން ބޭނުންވާކަންވެސް ފާހަގަކޮށްފައެވެ.
މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ބޭސްލައިން ދިރާސާގައި ފާހަގަވެފައިވާ ކަންކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދުމާއި މާޅޮހުގެ ގޭބިސީތަކަށް ސަޕްލައި ފެން ގުޅުމުގެ މަސައްކަތް ނިމުމުގެ ކުރިން ޕްލާސްޓިކް ފެން ފުޅި ބޭނުންކުރުމުގެ ބަދަލުގައި ފެން ފިލްޓަރު ބޭނުންކުރުމަށް ހިތްވަރު ދިނުމެވެ.
މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ އެރަށުގެ ހުރިހައި ގެއަކަށް ސަޕްލައި ފެން ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.
"މިގޮތަށް މި ފޯރުކޮށްދޭ ފެނަކީ ހުރިހާ ގޮތަކުން ވެސް ބޭނުންކުރަން ރަނގަޅު ފެން ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ގަބޫލު ކުރަން އެއްބައި ފަރާތްތަކުން މި ފެން އިތުރަށް ފިލްޓަރު ކުރަން ބޭނުންވެދާނެކަން. މި އެކްސްޕޯގެ ޒަރިއްޔާއިން އެ ފަރާތްތަކަށް ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި ބޭނުންކުރެވިދާނެ ދެހެމެހެއްޓެނިވި އެހެން ނިޒާމެއް މިވަނީ ދައްކައިދެވިފަ. އަޅުގަނޑުމެންގެ އުންމީދަކީ އެ ފަރާތްކުން މި ނިޒާމްތައް ބަލައިގަނެ ބޭނުންކުރަން ފެށުން"، ޝުޖާއު ވިދާޅުވިއެވެ.
ސޮނެވާ ނަމޫނާގެ ރެޑިއުސް މެނޭޖަރ ޚަދީ ހާމިދު ވިދާޅުވީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާ ދެމެހެއްޓެނިވި ހައްލުތައް މާލެ ނޫން އެހެން ރަށްރަށުގައި ފަސޭހައިން އަދި ހެޔޮ އަގެއްގައި ލިބެން ނެތުމަކީ ޕްލާސްޓިކް ކުނި މަދުކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެހެންކަމުން މި އެކްސްޕޯއިން ހާސިލްކުރަން ބޭނުންވި އަމާޒަކީ މި ފަދަ ދެމެހެއްޓެނިވި ހައްލުތައް ވިއްކާ ފަރާތްތައް މާޅޮހަށް ގެނެސް މާޅޮހުގެ ރައްޔިތުންނަށް ވެސް ޕްލާސްޓިކް ކުނި އިތުރަށް މަދުކުރުމުގެ ފުރަސަތު މަގުފަހިކޮށްދިނުން ކަމަށެވެ.
ގޭބިސީތަކާ ވިޔަފާރިތަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ބޭނުންކުރެވިދާނެ އެކި އުކުޅުތަކާއި ނިޒާމުތައް ދައްކުވައިދޭ މި ފަދަ އިތުރު އެކްސްޕޯތައް ބާއްވަން ސޮނެވާ ނަމޫނާއިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!