މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ އިލްމާއި ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
މުއިއްޒު އާ ބައްދަލު ކުރައްވައި ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވާފައިވާ ކަމަށާއި މުއިއްޒުއާ މެދު އިތުބާރު އެބަ އޮތް ކަަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި މުއިއްޒު އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ އިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއްގެ ގޮތުގައި ވެސް ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން އޭނާގެ ތާއީދު މުއިއްޒު އަށް އެބައޮތް ކަމަށާއި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޑރ. އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންކަން ކުރައްވާފައިވާ ޑރ. އަލީ ޒާހިރަކީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެ ޔުނިވާސިޓީގައި ކިޔަވައި ދެއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ މިހާރުވެސް ގެންދަވަނީ އެންއެމްޔޫގެ ޝަރީއާ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ މުޝްތަޝާރުގެ މަގާމުގައި ވެސް ހުންނެވި އަލީ ޒާހިރަކީ އެކި ޖަމިއްޔާ ޖަމާއަތްތަކާއެކު ދީނީ މައުލޫމާތު ފެތުރުއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޑރ. މުއިއްޒު އަށް ކެންޑިޑޭޓް ނަންބަރު 4 ލިބިވަޑައިގެންފައިވާއިރު، އޭނާ މިހާރު ވަނީ އަތޮޅުތަކަށް ކެމްޕެއިން ފައްޓަވާފައެވެ.
އެގޮތުން މިއަދު އޭނާ ހއ އަދި ހދ އަށް ދަތުރު ފައްޓަވާފައެވެ. އަދި މިރޭ ކުޅުދުއްފުށި ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!