އިންޓަނެޓް އަގުހެޔޮ ކުރަން އާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލައިފިއެވެ.
އިއްޔެ ހަވީރު އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ (ހުޅުމާލެ) ގުޅައިލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއެވެ. އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާއެވެ.
މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން, މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމަކަށް ކުރެވޭ މަސައްކަތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވޯކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށް ކަމަށެވެ. އެކި ރަށްރަށަށް ފޯރުކޮށްދޭ އިންޓަނެޓާއި ލީސްޑް ލައިންތަކާއި ޓެލެފޯން ނެޓްވޯކް ބޭނުންކުރާ މި ނެޓްވޯކްގެ އިކުއިޕްމެންޓަށް އެންމެ މައްޗަށްވެސް ގެންދެވޭ ސްޕީޑަކީ 3GBPS އާއި 5GBPS އާ ދޭތެރޭގައި ކަމުން ރަށްރަށަށް ބޭނުންވާ ހައި ސްޕީޑް އިންޓަނެޓް ފޯރު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެއެވެ. އަދި އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވޭއިރު ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެވި، ގަވަމެންޓް ނެކްވޯކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެއެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއަށް ތަރައްޤީ ގެނެސް ދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އާބާދީ މަދު ކުދި ރަށްރަށުގައި ސެޓެލައިޓް ސްކޫލުން މި ސަރުކާރުންވަނީ ކާމިޔާބު ކަމާއެކު ފަށާފައެވެ. މިފަދަ ކަންކަމުގައި އިންޓަނެޓަށް ބަރޯސާ ވާންޖެހޭ މިންވަރު ނުހަނު ބޮޑު ކަމަށާއި އައި.އޭ.އެކްސް ސަބްމެރިން ކޭބަލްގެ ސަބަބުން ސެޓެލައިޓް ސްކޫލިން ގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޗެސް ސަރުކާރުން ފާހަގަކުރެއެވެ.
މީގެ އިތުރުން:
• ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް، އެއް ސިސްޓަމަކުން ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.
• އިޤްތިސާދާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުންނާއެކު ފަސޭހަ ކަމާއި ހަލުވި ކަމާއެކު މަސައްކަތުގައި ކުރިއަށްދެވޭނެ މަގު ފަހިވެގެންދާނެ: މީގެ ސަބަބުން ބޭނުން ކޮންމެ ދާއިރާއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގައި މިހާރު ކުރިމަތިވާ އެތައް ގޮންޖެހުމެއް ހައްލު ކުރެވިގެންދާނެ. އަދި ރާއްޖޭގެ ވިޔަފާރިތައް މުޅި ދުނިޔެއަށް ހުޅުވައިދިނުމަށް އެތައް ފުރުސަތެއް ފަހިވެގެންދާނެ.
• ރާއްޖެއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށްވެސް ރާއްޖެއާއެކު މަސައްކަތް ކުރުމުގައި އިތުބާރު ބޮޑުވެގެންދޭ.
. މިއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް މިކަމުން ލުއިފަސޭހަތަކެއް ލިބިގެންދާނެ.
• ދައުލަތުގެ އެކިއެކި އިދާރާތަކުން އާންމުންނަށް ފޯރު ކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްވެ, ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ.
• ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ މިފަދަ ނިޒާމެއް ގާއިމުވެގެން ދާނެ.
މީގެ ކުރިންވެސް ސަރުކާރުންވަނީ ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮ އަގެއްގައި އާންމުންނަށް ފޯރު ކޮށްދިނުމަށްޓަކައި "ނެޓުހެޔޮ" ސިޔާސަތު ތަންފީޒުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!