އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުން ޗެމްޕިއަން މެންޗެސްޓާ ސިޓީ ބާންލީއަތުން ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ.
ރޭ ބާންލީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ ހާލަންޑްއެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ބާންލީގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ހާލަންޑްއެވެ. ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބު ކޮށްފައިވަނީ ހޫލިއަން އަލްވަރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ހާލަންޑް ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުގައި އޭނާ މިވަނީ 38 ލަނޑު ޖަހާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ޕްލޭ މޭކަރ ކެވިން ޑިބްރޭނާއަށް ވަނީ އަނިޔާވެ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލު ކުޅެން ނުކުމެފައިވަނީ ދާދިފަހުން ޗެލްސީން ސިޓީއާއި ގުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރ ކޮވެސިޗެވެ.
ސިޓީން މެޗުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ 75 ވަނަ މިނެޓުގައެވެ. ސިޓީއަށް ލިބުނު ހިލޭޖެހުމަކުން ބާންލީގެ އޭރިއާތެރެއަށް ކުޅުނު ބޯޅަ ބާންލީގެ ޑިފެންޑަރުންނަށް ކްލިއާ ނުކޮށްލެވުމުގެ ފައިދާނަގައި ރޮޑްރީ ވަނީ އެ ބޯޅަ ބާންލީގެ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބާންލީގެ އަނަސް ޒަރޫރީއަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑް ދައްކާފައިވަނީ ސިޓީގެ ވޯލްކާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ޕްރިމިއާ ލީގުގައި މިއަދު ވެސް މެޗުތައް ކުޅޭނެއެވެ. މިއަދު ހަވީރު އާސެނަލް ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއެވެ. މާދަމާ ރޭ ޗެލްސީ ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!