ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ޖަލުގައި ހުންނެވީ އާއިލާއަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލއިގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެ މަނިކުފާނު ވަނީ އެ ކޯޓުގައި އެދިވަޑައިގެންފަ އެވެ.

Ad
rt

މިއަދު އޮތް އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ހޮސްޕިޓަލްގައި އެޑްމިޓްވާންޖެހޭ ހާލަތެއްގައި ކަމަށާއި ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް ޖަލުގައި ފަރުވާ ނުލިބޭ ކަމަށެވެ. އެހެންވެ، އެދިވަޑައިގަތީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށެވެ.

"މިވަގުތު ވެސް ހޮސްޕިޓަލަށް އައިސް އެޑްމިޓް ވެގެން އޮންނަން ޖެހޭ ހާލަތުގައި މި ހުރީ. އެކަމަކު އެކަން އަޅުގަނޑު ނުކުރަނީ އާއިލާއަށްޓަކައި. އާއިލާ އިން މި ވަގުތު ތަހައްމަލު ކުރަމުންދާ ހިތްދަތިކަން އެނގޭތީ. އާއިލާ އަށް އިތުރު ހިތްދަތިކަމެއް ލިބޭނީ އަޅުގަނޑު އައިސް ހޮސްޕިޓަލްގައި އޮތީމާ،" ޔާމީން ވިދާޅުވި އެވެ.

ހުކުމް ތަންފީޒު ކުރުމަށް ގެއަށް ބަދަލުކުރުމަކީ ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި، ދައުލަތަށް އެ އިން ގެއްލުމެއް ލިބޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ މަނިކުފާނަށް އޭގެ ސަބަބުން އިޔާދަނުކުރެވޭ ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ޔާމީން ވިދާޅުވީ ޖަލު ހުކުމްގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވީ ނަމަވެސް، ދައުލަތުން ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނީ ނިޒާމުގެ ތެރޭގައި އޮތް ކަމެއް ނޫނެވެ. އެކަން ދައުލަތުން ފާހަގަކުރަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށެވެ.