އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅުގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި ކަންތައްތައް ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެމްޕެއިން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެގޮތުން މުއިއްޒު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި މުއިއްޒު، ޕީޕީއެމްގެ ކައުންސިލް، ނުވަތަ 'ސެނެޓު' ބައްލަވައިގެންފައިވާ ކަމަށް މާރިޔާ ވަނީ ތުހުމަތުކުރައްވާފައެވެ.

Ad
rt

ރައީސްގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވި ނޫސްވެރިންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގެ ނިޔަތުގައި ނުކުމެ ތިބީ މިއަދު އެމްޑީޕީ ކަމަށާއި، ރައްޔިތުން އެކަން ދަންނަން ޖެހޭނެ ކަމަށެވެ.

މިހައިތަނަށް ކެމްޕެއިންކުރާ ބަޔަކަށް ފެންނަނީ އެމްޑީޕީ އެކަނި ކަމަށާއި ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެ ކަމަށެވެ. އަދި ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ޕޮޒިޓިވްކޮށް ކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކޯލް ސެންޓަރުތައް ގާއިމްކުރެވި، މާލޭގައި އެކި ގޭގެއަށް ވެސް ދޮރުން ދޮރަށް ހަރަކާތް ހިންގަމުން އަންނަކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ސާލިހުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވެސް ޒިޔާރަތް ކުރުންކަން ތަކުރާރު ކުރައްވާފައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ސާލިހުގެ ކެމްޕެއިން ޓީމުތައް ގާތްގަނޑަކަށް 187 ރަށެއްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި 18 އަތޮޅެއްގެ 108 ރަށަކަށް އެ ޓީމުތައް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި 64 ރަށަކަށް ރައީސް މިހައިތަނަށް ވަޑައިގެންފައިވާ ކަމަށެވެ.