މާލޭ ސުވިމިން ޓްރެކް ބަންދުކުރުމަށް ނިންމާފައި ވާކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

އެ އެސޯސިއޭޝަނުން ވިދާޅުވީ ސްވިމިން ޓްރެކް ބަންދުކުރަން ނިންމީ ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް ކަމަށެވެ.

Ad
rt

މިވަގުތު އެސަރަޙައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގަވާފައި ވާކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ.

އެހެންކަމުން މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ މޫދަށް އެރިއުޅުން މަނާކޮށްފައިވާއިރު، އެތަން ބަންދު ކުރުމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް އެ އެސޯސިއޭޝަނުން ވަނީ މައާފަށް އެދިފައެވެ.

މީގެ އިތުރުން ކަމާއިބެހޭ ފަރާތްތަކުން ދުވަހުން ދުވަހަށް އެ ސަރަހައްދުގެ މޫދު ލޮނުގަނޑު ޓެސްޓުކޮށް، ނަތީޖާ ބަލަމުން ދާކަމަށާއި މޫދަށް އެރިއުޅުމަށް ރައްކާތެރިކަން ލިބުމާއެކު ޓްރެކް ހުޅުވާލާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ.

މާލޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސުވިމިން ޓްރެކް އިތުރަށް ތަރައްގީކުރުމަށް ސުވިމިން އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ އެސޯސިއޭޝަނުން ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި އެ ތަނުގައި ޑައިވިން ޕްލެޓްފޯމާއި ސްލައިޑެއް ބަހައްޓާފައެވެ.

މާލެ ސްވިމިން ޓްރެކު ސަރަހައްދުން ލޮނު ނަގައި، އެންމެ ފަހުން ހެދި ޓެސްޓުތަކުން އެތަނުގެ ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވެފައި ވާކަމަށް ދައްކާ ކަމަށާއި މޫސުމީ ބަދަލުތަކާއެކު އެ ޓްރެކް ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވެފައި ވާކަން އެ އެސޯސިއޭޝަނުން ފާހަގަކުރައްވާފައި ވެއެވެ.