ތައުޙީދުގެ ޢަޤީދާއަށް ރައްކައުތެރިވުން!

IMG_2316

އިންސާނަކަށް ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތް ކަން ކަށަވަރެވެ. އެއީ އޭނަގެ އާޚިރަތުގެ ކާމިޔާބާއި ފަލާޙު ވެސް ގުޅިފައިވާ ނިޢުމަތެވެ. އޭނައަށް ސުވަރުގެ ލިބުން ވަނީ މުސްލިމަކަށް ވުމުގައެވެ. އަދި ނަރަކައިން މުއްތިވުން ވެސް ވަނީ އެކަމުގައެވެ.

ތައުޙީދުގެ މި މަތިވެރި ނިޢުމަތަށް ރައްކައުތެރިވުމަކީ ކޮންމެ މުސްލިމަކު ވެސް އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެވެ. އެއީ އޭނަގެ މުދަލާއި ނަފްސަށް ރައްކައުތެރިވުމަށް ވުރެ ވެސް ބޮޑަށެވެ. ސަބަބަކީ އޭނައަށް ލިބިފައިވާ އެންމެ ބޮޑު ޖައުހަރަކީ މި ތައުޙީދުގެ ޢަޤީދާއެވެ. ޝިރުކާއި ބިދުޢައާއި ޚުރާފާތުން އެ އެއްކައުވަންތަކަމުގެ އިޢުތިދާޤަށް އައިސްދާނޭ ކިލަނބުކަމަކަށް ފާރަވެރިވެ، އެ ކަންކަމުން އޭނަގެ އިޢުތިޤާދު ސަލާމަތްކުރަން ވާނެއެވެ.

އެހެން ދީންތަކުގެ ރަމްޒުތަކާއި ޙަފްލާތަކާއި އަޅުކަންތަކުގައި ބައިވެރިވުމަކީ މި ދެންނެވި ތައުޙީދުގެ ޢަޤީދާއާ ފުށުއަރާނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އިސްލާމްކަމުން ބޭރުވެ ޝިރުކަށް އެފަދަ މީހެއް ވާސިލު ވެދާނޭ ކަމުގެ ބިރު އިންތިހާއަށް އޮތް ކަމެކެވެ. ކަނީސާތަކުގައި އޮންނަ އަޅުކަންތަކުގައި ރަމްޒީގޮތުން ވެސް ބައިވެރިވުމަކީ އެއްވެސް ގޮތަކަށް ހުއްދަވެގެން ވާނޭ ކަމެއް ނޫނެވެ. އެއީ ޝިރުކުން ފުރިގެންވާ ކަމެވެ. ނަޞާރާއިންނަކީ މާތް ﷲ ގެ މައްޗަށް ބޮޑު ދޮގެއް ހަދާފައިވާ ބައެކެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި ޢީސާގެފާނަކީ މާތް ﷲގެ ދަރިކަލުންނެވެ. އަދި އެބައިމީހުންގެ އިލާހެވެ. އެބައިމީހުން ދުޢާކޮށް ނަޖާތައް އެދި ދަންނަވަނީ ވެސް ޢީސާގެފާނަށެވެ. ކުރަނީ ޝިރުކެވެ. ހަދަނީ މާތް ﷲ ގެ މައްޗަށް ބޮޑު ދޮގެކެވެ. އެއީ އުޑު ފަޅައިގެން ގޮސް އަދި ފަރުބަދަތައް ކުދިކުދި ވެގެން ދާ ފަދަ ބޮޑު ޝިރުކުގެ ބަހެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ‎﴿٨٨﴾‏ لَّقَدْ جِئْتُمْ شَيْئًا إِدًّا ‎﴿٨٩﴾‏ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ‎﴿٩٠﴾‏ أَن دَعَوْا لِلرَّحْمَٰنِ وَلَدًا ‎﴿٩١﴾‏ وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا ‎﴿٩٢﴾‏ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا ‎﴿٩٣﴾‏ مريم: ٨٨ – ٩٣. " ރަޙްމާނުވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ ކާފިރުވި މީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ ރަޙްމާނުވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙުމާނުވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. ރަޙްމާނުވަންތަ ރަސްކަލާނގެ ޙަޟްރަތަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކު ވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."

މިފަދައިން މި ކަން އޮތް ހިނދު، ޝިރުކުގެ ކުރިމަތީގައި އިސްދަށަށް ޖަހައިގެން އެކަމުގައި އިޙްތިރާމާއި ޤަދަރު ދީގެން ހުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ. އެއީ މިއްލަތުން މީހާ ބޭރުވެދާނެ ކަމެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ބިނާވެފައި ވަނީ ތައުޙީދުގެ ޢަޤީދާއަށް ބުރޫއަރާ ފަދަ ހުރިހާ ކަމަކުން ދުރުވެ ހުރުމުގައި ކަން ކަށަވަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *